ބޯހިޔާވަހިކަން އެންމެންނަށް: ފްލެޓާއި ގޯތި ދޭ އާ ސްކީމްތައް އިފްތިތާހުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުކަމަށްވާ ’ބޯހިޔާވަހިކަން އެންމެންނަށް‘ އިފްތިތާހުކޮށްފި އެވެ.

މި ސިޔާސަތުގެ ދަށުން، މާލެ ސަރަހައްދާއި ރަސްމާލެއިން ގޯއްޗާއި ފްލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސިޔާސަތު އިފްތިތާހުކޮށްދެއްވީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު އެވެ.

އާއްމުކުރެވުނު ސިޔާސަތުގައިވާ ގޮތުން، ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ވަނީ މާލީ ޙާލަތަށް ބަލައި ތަފާތު 4 ކެޓަގަރީއަކަށް އަމާޒުކޮށްފަ އެވެ.

  • ފުރަތަމަ ކެޓަގަރީ: މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހިކޮށްދިނުން.

  • ދެވަނަ ކެޓަގަރީ: މެދު ފަންތީގެ ޢާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން އެފޯޑަބަލް ހައުސިންގ ޕްރޮޖެކްޓުތައް ހިންގުން.

  • ތިންވަނަ ކެޓަގަރީ: އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ޚާއްޞަ ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުން.

  • ހަތަރުވަނަ ކެޓަގަރީ: އެންމެ ފަޤީރު ޙާލަތުގައިވާ، ދިރިއުޅޭނެ ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެއްސުން.

މި ސިޔާސަތުގެ ދަށުން، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމާއި ގުޅޭ ސްކީމްތައް ވަނީ އިޢުލާނުކޮށްފަ އެވެ. ފްލެޓް ދޫކުރުމުގެ އުސޫލުގައި ހިމެނޭ ދެ މައިގަނޑު ކެޓަގަރީއަކީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި، މާޅޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީ އެވެ. ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލް އެވެ. ގޯތި ދޫކުރުމުގެ އުސޫލުގައިވެސް ހިމެނެނީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީ އެވެ.

މި ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެއިން ގޯއްޗާއި ފްލެޓް ދޫކުރަން ނިންމާފައިވާއިރު މިކަމަށް ޓަކައި ރަސްމާލެއިން 15,000 ގޯއްޗާއި މާލެ ސަރަހައްދުން 7,000 ފްލެޓް ދޫކުރުން ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން ބޯހިޔާވަހިކަން އެންމެންނަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ