އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އެއް ގަޑިއިރު ފުރުސަތެއް މިނިސްޓަރަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.
މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވަނީ އޭޕްރިލް 29 ވަނަ ދުވަހު 12 މެންބަރުންގެ ސޮޔާއެކު އެވެ.
މިއަދު ކުރިއަށް ގެންދިޔަ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރުމަށް މެންބަރުންނަށް އެއް ގަޑިއިރުގެ ފުރުސަތެއް އަދި މިނިސްޓަރު ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ފުރުސަތެއް ދިނުމަށް ނިންމާފަ އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ މާލޭގެ އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން މިނިސްޓަރު އަމީނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. މިނިސްޓަރު އަމީނަށް ތުހުމަތުކޮށް އެކި ގޮތްގޮތަށް ސޯޝަލްމީޑިއާގައި ވާހަކަ ދައްކާފައިވާއިރު، މިނިސްޓަރު އަމީންގެ ފަރާތްޕުޅުންވަނީ ތުހުމަތުތަކަށް ރައްދުދެއްވައި ހަގީގަތް ހާމަކޮށްދެއްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާއި އެކު ކަމަށެވެ.