އިންޑިއާ ކޮންސިއުލޭޓުން އައްޑޫގެ އިގްތިސާދު ކުރިއަރާ، ދެގައުމަށްވެސް ފައިދާވާނެ ކަމުގައި އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ހުޅުވުމާއި ގުޅޭގޮތުން ދެކިވަޑައިގަންނަވާ ގޮތާއި މެދު ”ޖަވިޔަނި“ އިން ސުވާލުކުރުމުން މޭޔަރު ވިދާޅުވީ އެއީ އައްޑޫ ސިޓީ އިން އުފަލާއިއެކު ބަލައިގަންނަ ހިޔާލެއް ކަމަށެވެ. އިންޑިއާގެ މި ނިންމުވުން އައްޑޫ ހިމެނޭހެން ދެކުނުގެ އަތޮޅުތަކުގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރުންނާއި ނަރުހުން ފަދަ އެކި އެކި ދާއިރާތަކުގެ މަސައްކަތްތެރިންނަށް އެކި ކަންކަމުގައި ފަސޭހަތައް މެދުވެރިވުމުގެ އިތުރުން ދެކުނުގެ ރައްޔިތުންނަށް ފައިދާވާނެ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ނިޒާރު ވިދާޅުވި އެވެ. އަދި ކޮންސިއުލޭޓްގެ ސަބަބުން އައްޑޫގެ އިގްތިސާދަށްވެސް ހެޔޮ އަސަރެއް ކުރާނެ ކަމުގައި ވިދާޅުވި އެވެ.
އެގޮތުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިންޑިއާއިން ޑައިރެކްޓް ފްލައިޓްސް އަންނަ މިންވަރު އިތުރުކުރުމަށްވެސް މަޝްވަރާކުރަމުންދާއިރު އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމުން އައްޑޫއަށް އިންޑިއާއިން އަންނަ ފަތުރުވެރިން އިތުރުވުމަށް މަގުފަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ނިޒާރު ވިދާޅުވި އެވެ.
ނަމަވެސް، އަދިއެއް އިންޑިއާ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލާއިއެކު މިކަމުގެ މަޝްވަރާތައް ކުރިއަށްނުގެންދާ ކަމުގައި ނިޒާރު ހާމަކުރެއްވި އެވެ. އެހެންކަމުން މި ކޮންސިއުލޭޓް ހަދާނީ އައްޑޫގެ ކޮން ސަރަހައްދެއްގައިކަން ކަނޑައެޅިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ މިއީ އިންޑިއާ ސަރުކާރުގެ ނިންމުމަކަށް ވީނަމަވެސް، ކޮންސިއުލޭޓް ގާއިމުކުރާނެ ސަރަހައްދެއް ކަނޑައަޅާނީ ދިވެހި ސަރުކާރުން ކަމަށެވެ. މޭޔަރު މިގޮތަށް ވިދާޅުވެފައިވާއިރު މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ކުރީގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މި ހަބަރާއި ގުޅިގެން އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވަނީ އައްޑޫގައި ކޮންސިއުލޭޓެއް އަޅަން އެންމެ އެކަށޭނަ ސަރަހައްދަކީ ފޭދޫ ކަމުގައި ހިޔާލު ފާޅުކުރައްވާފަ އެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް ރާއްޖޭގެ އައްޑޫގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް އިއުލާންކުރައްވާފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އެވެ. ހޯމަ ދުވަހު މޯދީ މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި ދެ ލީޑަރުން ދެއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގަ އެވެ.
ވެރިރަށް މާލެއަށްފަހު ދެން އެންމެ ގިނަ އިންޑިއާ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތް ކުރަނީ އައްޑޫގަ އެވެ.
މިހާރުވެސް ރާއްޖޭގެ ކޮންސިއުލޭޓެއް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުރެ އެވެ. އަދި ދެއްލީގައި ރާއްޖޭގެ ހައި ކޮމިޝަނެއް ގާއިމުކޮށްފައިވެ އެވެ. އައްޑޫގައި އެޅުމަށް މަޝްވަރާކުރަމުންދާ މި ކޮންސިއުލޭޓް ވެގެންދާނީ އަތޮޅުތެރޭގައި ގާއިމްކުރާ ފުރަތަމަ ކޮންސިއުލޭޓަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ހުންނަނީ ހުޅުމާލޭގަ އެވެ.
ނިމިދިޔަ ސަރުކާރުގައިވެސް އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމުގެ މަޝްވަރާތައް ކޮންމެވެސް ވަރަކަށް ކޮށްފައިވެ އެވެ. ނަމަވެސް އެ މަޝްވަރާތައް ކުރިއަށްދެވިފައިނުވަނިކޮށް މިހާރު އިންޑިއާއިން ވަނީ ރަސްމީކޮށް އެ މަޝްވަރާ ކުރިއަށްދާކަން އިއުލާންކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އައްޑޫ ސިޓީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ