ހޫނުގަދަވުމުގެ ސަބަބުން 1000 ހައްޖުވެރިން ނިޔާވެއްޖެ އެވެ.
މިޑްލް އީސްޓް އައި އިން ރިޕޯޓްކުރިގޮތުގައި މިއަހަރުގެ ހައްޖު މޫސުމުގައި މައްކާއަށް 40 އާއި 50 ޑިގްރީ ސެލްޝިޔަސްގެ ހޫނުމިން ތަޖުރިބާ ކުރެވެމުންދެ އެވެ. އެ ނޫހުން ރިޕޯޓްކުރި ގޮތުގައި ނިޔާވި 1000 މީހުންގެ ތެރޭގައި 658 އަށްވުރެ ގިނަ މިސްރުގެ ހައްޖުވެރިން ހިމެނެ އެވެ. އޭގެ ތެރެއިން 630 ވަރަކަށް މީހުންނަކީ ރަޖިސްޓާ ނުކޮށް ހައްޖުގެ އަޅުކަން އަދާކުރަން އައި ހައްޖުވެރިން ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
މިފަދަ ހައްޖުވެރިންނަކީ އާންމު ގޮތެއްގައި ޓްރެވެލް، ޓޫރިސްޓް ނުވަތަ ވޯކް ވިސާގައި މައްކާއަށް އެތެރެވާ މީހުން ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެއީ ހައްޖުގ އަގިބޮޑުެ ޕެކޭޖްތަކުން ފައިދާ ނުހޯދާ، ޓްރެވެލް އެޖެންސީތަކަށް ކުޑަ ފީއެއް ދައްކައިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް އަންނަ ހައްޖުވެރިން ނެވެ.
ނިޔާވި ހައްޖާޖީންގެ ތެރޭގައި 60 އުރުދުންގެ ރަށްވެހިންނާއި 35 ޓިއުނީޝިއާ މީހުން ހިމެނޭ ކަމަށް އެގައުމުތަކުގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
އިންޑޮނޭޝިއާ އީރާން އަދި ސެނެގާލްގެ ހައްޖުވެރިންވެސް ނިޔާވި ކަމަށް ރިޕޯޓްކުރި ނަމަވެސް އެމީހުން ނިޔާވީ ހޫނުގަދަވުމުގެ ސަބަބުން ކަމަށް އެނގިފައެެއް ނުވެ އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1.8 މިލިއަން ހައްޖުވެރިން ބައިވެރިވެފައިވާއިރު އޭގެ ތެރެއިން 1.6 މިލިއަން މީހުންނަކީ ހައްޖުގެ އަޅުކަން އަދާކުރުމަށް އައި ބޭރު މީހުން ކަމަށް ސައުދީ އަރަބިއްޔާއިން ރިޕޯޓްކޮށްފައި ވެއެވެ.
ސައުދީ އަރަބިއްޔާއިން ކުރާ ދިރާސާއަކުން ދައްކާގޮތުގައި ކޮންމެ 10 އަހަރެއްގެ ތެރޭގައި މައްކާގެ ސަރަހައްދުތަކުގައި 0.4 ޑިގްރީ ސެލްޝިޔަސްއިން ހޫނު މިން މަތިވަމުން އެބަދެ އެވެ.