ރާއްޖޭގައި ހޫނުމިން މަތިވެ ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން ހުއްޓާލާފައިވާ ސަރުކާރުގެ ބިން ހިއްކުމުގެ މަޝްރޫތައް އަލުން ފެށުމުގެ ހުއްދަ ދީފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ރާއްޖޭގެ ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނުމިން ދަށްވަމުން އަންނަ ކަމަށާއި ގާތަށް ހުދުވުންވެސް މަޑު ޖެހެމުން އަންނަކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ބިން ހިއްކުމުގެ މަސައްކަތްތަކާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކާއި ފަޅު ކޮނުމާއި ގޮނޑުދޮށުން ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން ކަހަލަ މަސައްކަތްތައް އެއް މަސްދުވަހަށް މަޑުޖައްސާލަން އެންގީ ގާ ހުދުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ ގާ ހުދުވުން މަޑު ޖެހުނު ނަމަވެސް މުރަކަތަކުގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށެވެ. އެހެންކަމުން މަޝްރޫތައް ކުރިއަށް ގެންދާ އިރު އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުތަކުގައި ހުރި ކަންކަމަށް ރިއާޔަތްކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިހާތަނަށް ލިބިފައިވާ ފޮޓޯ އަދި ފީލްޑް އޮބްޒަވޭޝަންތަކުން، ރާއްޖޭގެ ފަރުތަކުގެ ބޮޑު ބަޔަކަށް ގާ ހުދުވުމުގެ އަސަރުކޮށްފައިވާކަން ފާހަގަވެ އެވެ. އަދި ބައެއް މުރަކައިގެ ވައްތަރުތަކަށް ލިބިފައިވާ ގެއްލުންތައް ކުޑަ އެވެ. މިކަން ފާހަގަވެފައި ވަނީ އެކްރޮޕޯރާ އަދި ޕޮކިލޮޕްރާ ވައްތަރުގެ މުރަކައިގަ އެވެ. އޭގެ ސަބަބެއް ކަމުގައި ބެލެވިފައި ވަނީ މޫސުމީ ބަދަލަށް ހޭނުމާއި މުރަކަ ހެދޭ ރޭޓަށް ބަދަލު އައުމެވެ.
ގާ ހުދުވުމުގެ މައްސަލައާ ގުޅިގެން ގިނަ މަޝްރޫތަކެއް ހުއްޓާލަން އަންގާފައިވުމުން ގާތްގަނޑަކަށް 200 މަޝްރޫއެއްގެ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތް ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ވަނީ ހުއްޓިފަ އެވެ.
ބިން ހިއްކުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް