ފިޔަވަޅުތައް ކާމިޔާބު، ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި: ރައީސް

Advertisement

އެންމެ ފަސް

Advertisement

ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކާމިޔާބުވަމުން އަންނަ ކަމަށާއި، މިހާތަނަށް ރިސޯޓުތަކުން 25 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ޓަކައި ބޭރު ފައިސާއާ ބެހޭ ޤާނޫނެއް ހަދައި، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.

”މަދު ރިސޯޓުތަކެއް ފިޔަވައި ގިނަ ރިސޯޓުތަކުން މި ޤާނޫނަށް ތަބާވެ، ޑޮލަރު މާރުކުރަމުން އެބަދޭ،“ ރައީސް ވިދާޅުވި އެވެ.

މި ޤާނޫނު ފުރިހަމައަށް ތަންފީޒުކުރާނެ ކަމަށާއި، ޤާނޫނުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ އެއްވެސް ފަރާތަކަށް އިސްތިސްނާއެއް ނުދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ޤާނޫނު ރަނގަޅަށް ތަންފީޒުކުރެވިގެން ދިޔުމުން، ރާއްޖޭގެ އިޤްތިޞާދަށާއި، ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ވެސް މީގެ ފައިދާ ކުރާނެ ކަމަށް ފާހަގަކުރެއްވި އެވެ.

ގަވާއިދުގައިވާ ގޮތުން ރިސޯޓުތަކުން ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހޭއިރު، ގެސްޓް ހައުސްތަކުން ބޭންކުތަކަށް މާރު ކުރަން ޖެހެނީ އަންނަ ޓޫރިސްޓުންގެ ބޮލަކަށް 25 ޑޮލަރެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަ މަސްދުވަހުން ފެށިގެން އަންނަ އަހަރުގެ ތެރޭގައި އެކި ކަންކަން ފަހިކުރެވި، ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށާއި ކިޔަވާ ކުދިންނަށް ވެސް މީގެ ފައިދާ ކުރާނެ އެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ޖުމުލަކޮށް ހުރިހާ ރައްޔިތުންނަށް ފައިދާ ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހއ. ހޯރަފުށި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ