އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދުނިޔޭގެ ރައީސްކަން ކުރެއްވި އިރުވެސް ފަލަސްތީނުގެ ހައްގުގައި އެއްވެސް ކަމެއް ނުކުރައްވާކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝުޖާއު ވިދާޅުވީ އިދިކޮޅުން މިކަން ކުރަނީ ހެޔޮ ނިޔަތުގައި ނޫން ކަމަށެވެ. އަދި އެކަން ވަރަށް ސާފުކޮށް އިނގޭކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އަދުގެ ރައީސް އަކީ ދުނިޔޭގެ ރައީސްކަން ކުރައްވާފަ ހުންނެވި ބޭފުޅެއް. މި ހިނގައިގެން އުޅޭ ކަންތަކުގަ (އިޒްރޭލުން ފަލަސްތީނުގައި ހިންގާ ނަސްތު ނައްތާލުމުގެ އަމަލު) އެމަނިކުފާނު ޔޫއެންގަވެސް ހުންނެވި އިއްޒަތްތެރި ރައީސް. ކުރެއްވި ކަމެއް އަޅުގަނޑުމެންނަކަށް ފެންނާކަށެއް ނެތް.
ފަސް އަހަރުގެ ވެރިކަމެއް ނިމިގެން ދިޔަ އިރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގާނޫނަކަށް އިސްލާހެއް ގެންނާކަށް އެމްޑީޕީއަކަށް ނުކެރުނުކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މި ބިލުގެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ޕީއެންސީގެ މެންބަރުންނަށް ވާހަކަ ދައްކަން ނުކެރޭނެކަމަށް ވިދާޅުވެފަ އެވެ. މިކަމަށް ރައްދު ދެއްވާ ޝުޖާއު ވިދާޅުވީ މަޖިލީހުގައި ވާހަކަ ނުދައްކާ ތިބީ މި މައްސަލަ އަވަސް ކުރުމުގެ ނިޔަތުގައި ކަމަށެވެ. ވާހަކަ ނުދައްކާ ތިބީ މިކަން އަވަސްކޮށް ވީހާވެސް އަވަހަކަށް ކޮމިޓީއަށް ފޮނުވައިގެން މިކަން ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އެމްޑީޕީން ހީލަތްތެރި ނިޔަތެއްގައި މިކަން ލަސް ކުރުމަށް މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ 12 މެންބަރުންވެސް ވާހަކަފުޅު ދައްކަވަމުން ދާ ކަމަށާއި ނަމަވެސް ޕީއެންސީ މިތިބީ އެކަން ކުރަން ތައްޔާރަށްކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.
އެހެންވީމާ ދަންނަވާލަން ބޭނުންވަނީ މިއީ ހީލަތްތެރި ނިޔަތެއްގައި ލައިގެން އުޅޭ ކަމެއް. މިއީ ޖެއްސުމަށް ލައިގެން އުޅޭ ކަމެއް. އަޅުގަނޑުމެންގެ ނިޔަތް ސާފު. 75 އިއްޔަތްތެރި މެންބަރު މި މަޖިލީހުގަ ވާހަކަ ނުދައްކަން މިތިބެނީ އަވަސް ކުރުމުގެ ބޭނުމުގަ. ބިލު ކޮމިޓީއަށް ފޮނުވައިގެން ކޮމިޓީން ގެންނަން ޖެހޭ އިސްލާހުތަކާއެކު އަވަހަށް ފާސް ކުރުމުގެ ބޭނުމުގަ.
ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މައިކެއް އަތުގައި ޖެހޭ އިރަށް ވާހަކަފުޅު ދައްކަވަމުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުﷲ ޝާހިދު އިބްރާހިމް ޝުޖާއު ފަލަސްތީން