ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ދިވެހި އިގްތިސޯދާ ގުޅި ލާމެހިފައިވާ ބޭންކެއް ކަމަށާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން ސަރުކާރާއެކު ގާތުން މަސައްކަތް ކުރުމަކީ ބީއެމްއެލްއަށް ވަރަށް މުހިންމު ކަމެއްކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އެމްޑީ ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކުގެ ޚިދުމަތް ފުޅާކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ މިހާރަކަށް އައިސް އެންމެ ބޮޑަށް ދެކެވޭ އެންމެ ބޮޑު ވާހަކައަކީ ބީއެމްއެލްއިން ސަރުކާރުން އެދޭ ކޮންމެ ކަމެއް ކުރާކަމަށް ބުނާ ވާހަކަ ކަމަށެވެ. މި ވާހަކަތަކަށް ރައްދުދެއްވަމުން ޝަރީފް ވިދާޅުވީ ގައުމީ ބޭންކަކީ ގައުމުގެ އިގްތިސޯދާ ގުޅި ލާމެހިފައިވާ ބޭންކެއް ކަމަށާއި އިގްތިސޯދަށް އަންނަ ލޮޅުންތަކުގެ ނޭދެވޭ އަސަރު ބޭންކަށް ކުރާއިރު، އިގްތިސޯދަށް ކުރިއެރުން ލިބޭ އިރު ބޭންކަށްވެސް ކުރިއެރުން ލިބޭ ކަމަށެވެ.
ބީއެމްއެލްއާ ދިވެހިރާއްޖޭގެ އިގްތިސޯދާ ގުޅޭ މިންވަރު ހުރީ ވަރަށް ވަރުގަދަ އަދި ޕޮޒިޓިވް ކޯޑިނޭޝަނެއްގައި. އާދެ. 0.96 ގައި. ޕޮޒިޓްވް ޕާފެކްޓް ކޯޑިނޭޝަނެއްކަމަށްވާ 1 ހަމަ ނުވަނީ ކުޑަ މިންވަރަކުން.
ދިވެހިރާއްޖޭގެ އިގްތިސޯދީ އޮނިގަނޑަށް ބަލާއިރު ބީއެމްއެލްގެ ޖުމުލަ އެސެޓްސް، މުޅި ދިވެހިރާއްޖޭގެ ޖީޑީޕީގެ 38 ޕަސަންޓު ތަމްސީލު ކުރާ ކަމަށާއި މިކަމުން ބީއެމްއެލް އަކީ ހަމައެކަނި މާލީ މުއައްސަސާއެއްގެ ބަދަލުގައި ރާއްޖޭގެ އިގްތިސޯދީ އޮނިގަނޑުގެ އަސާސީ ތަނބެއްކަން ދައްކުވައިދޭކަމަށް އެމްޑީ ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ އިގްތިސޯދީ ހަރަކާތްތަކެއްގެ ދެބައިކުޅަ އެއްބަޔާ ގާތަށް ހިނގަނީ ސަރުކާރުގެ އިސްނެގުމުގެ ދަށުން ކަމަށާއި އެހެންކަމުން ގައުމީ ބޭންކުގެ ހައިސިއްޔަތުން ސަރުކާރާއެކު ގާތުން މަސައްކަތް ކުރުމަކީ ބީއެމްއެލްއަށް ސްޓްރެޓީޖިކަލީ ވަރަށް މުހިންމުކަމެއްކަމަށް ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް
