މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ސެޕްޓެމްބަރު މަހު 3.01 ބިލިއަން ރުފިޔާގެ ރިކޯޑް އާމްދަނީއެއް ލިބިއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 30.7 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މީރާއިން ލަފާކުރި މިންވަރަށްވުރެ 33.7 އިންސައްތަ އިތުރު އަދަދެކެވެ.
މި ރިކޯޑް އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) އިންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 40.5 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 507 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 404 މިލިއަން ރުފިޔާ، އެއަރޕޯޓް ތަރައްޤީގެ ފީގެ ގޮތުގައި 204 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 199 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 195.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މީރާއިން ފާހަގަކުރާ ގޮތުގައި މި ކުރިއެރުން މައިގަނޑު ގޮތެއްގައި ލިބިފައިވަނީ ފަތުރުވެރިކަމާ ގުޅުންހުރި ޙަރަކާތްތައް އިތުރުވުމާއި، ކުރީގެ މުއްދަތުތަކުން ނުދައްކާ ހުރި ފައިސާ ލިބުމާއި، އަލަށް ލިބުނު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީތަކުގެ ސަބަބުންނެވެ. އަދި މިދިޔަ މަހު ބޭރު ފައިސާގެ ގޮތުގައި 150.25 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 47 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މީރާއިން ވިދާޅުވާ ގޮތުގައި އާމްދަނީ މިފަދަ ބޮޑު މިންވަރަކަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުން ދިއުމާއި، ޓެކްސް ދެއްކުމުގެ އިލްތިޒާމް އިތުރުވެފައިވާތީ ކަމަށެވެ.