ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ނެގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އާއި ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެ ފަރާތްތަކަށް ޓެކްސް ނެގުމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރުމުގެ މުހިންމުކަމާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާކަމަށްވެފައި، މި ދާއިރާއިން ނަގާ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް ދެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި މީރާއާ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގެ މައި ލޮނުކަށީގެ ގޮތުގައި ދެމިއޮތް ދާއިރާއެވެ. މި އަހަރު ސަރުކާރުން ވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒެއް ކަނޑައަޅުއްވާފައެވެ. މިއީ މިދިޔަ އަހަރު ކަނޑައެޅުއްވި 2 މިލިއަން ފަތުރުވެރިންގެ އަމާޒަށްވުރެ އިތުރު އަދަދެކެވެ.
މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ނެގުމުގެ ނިޒާމަށް އިތުރު ހަރުދަނާކަމެއް ގެނެވި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މީރާ