މިއަހަރުގެ ފުރަތަމަ 26 ހަފްތާ ނިމުނުއިރު، ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފި އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19 އިންސައްތަ ދަށް އަދަދެކެވެ.
މާލީ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކުން ފާހަގަވާ ގޮތުގައި، ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައި ޖުމްލަ 4.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ބައިތަކަށް ޚަރަދުކޮށްފައިވަނީ 5.2 ބިލިއަން ރުފިޔާ އެވެ.
އާސަންދައަށް ކުރާ ޚަރަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން އަހަރުގެ މިހާތަނަށް އާސަންދައަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް ކައުންސިލްތަކަށް ދޭ ގްރާންޓް ވަނީ 4.4 އިންސައްތައިން ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ދޭ ގްރާންޓުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ޚަރަދުކޮށްފައި ވަނީ 1 ބިލިއަން ރުފިޔާ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޖުލައި 17 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 19.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. އަދި މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 20.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 19 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.