ށ. ބިލެއްފަހި އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކޮށް، އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ.
މި މަޝްރޫގެ މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މި މަޝްރޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ. އެމްއޭސީއެލްގެ ފަރާތުން މި މަޝްރޫގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ޝަރީފް އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުޝާމް އަލީ އެވެ.

އެމްއޭސީއެލްއިން މިހާރު ވަނީ ބިން ހިއްކުމުގެ މަސައްކަތާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.
ބިލެއްފަހި އެއާޕޯޓަކީ 2020 ވަނަ އަހަރު އޭރުގެ ސަރުކާރުން އިއުލާންކުރި މަޝްރޫއެކެވެ. އެ ސަރުކާރުން އޭރު ވަނީ 2021 ވަނަ އަހަރު އެއާޕޯޓުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، ކުރީގެ ސަރުކާރުގެ ދައުރު ނިމިގެން ދިޔައިރުވެސް އެއާޕޯޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވާކަން ފާހަގަކުރެވެ އެވެ.
މި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމާއެކު، ށ. އަތޮޅުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކާއި އިގްތިސާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މިނިސްޓްރީ އޮފް ފިނޭންސް