މާލީ އިސްލާހީ ފިޔަވަޅުތައް އަވަސް ނުކޮށްފިނަމަ، ރާއްޖޭގައި މުދަލާއި ހިތުމަތުގެ އަގު އިންތިހާއަށް އުފުލުމުގެ ބިރު އޮތްކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.
ފެބްރުއަރީ 3 އިން 16 އަށް އައިއެމްއެފްގެ ޓީމެއް ރާއްޖެ އައިސް މަޢުލޫމާތު އެއްކުރުމަށްފަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ރާއްޖޭގެ އިންފްލޭޝަން 2.3 ޕަސެންޓް މަތިވާނެ ކަމަށެވެ. މީގެ އިތުރުން، ކަރަންޓް އެކައުންޓް ޑެފިސިޓް އަދި އެތެރޭގެ ދަރަނިތައްވެސް މަތިވާނެ ކަމަށް ލަފާކުރެވޭތީ، ވީހާވެސް އަވަހަކަށް ސިޔާސަތުތައް ހަރުދަނާކޮށް އިސްލާހީ ފިޔަވަޅުތައް އަޅަން ޖެހޭކަމަށް އައިއެމްއެފްއިން ފާހަގަކޮށްފައިވެ އެވެ.
އައިއެމްއެފްއިން އިތުރަށް ފާހަގަކޮށްފައިވަނީ އިޤްތިޞާދީ ހަމަޖެހުން ލިބޭނީ ޚަރަދު ކުޑަކުރުމަށް ބަޖެޓުގައި ހުށަހަޅާފައިވާ ސިޔާސަތުތައް ވީހާވެސް އަވަހަކަށް ތަންފީޛުކޮށްގެން ކަމަށެވެ. ނަމަވެސް، މާލީ ގޮތުން ނުތަނަވަސްކަން އޮތް ނަމަވެސް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދު 5 ޕަސެންޓް ކުރިއަރާނެ ކަމަށްވެސް އައިއެމްއެފްއިން ލަފާކޮށްފައިވެ އެވެ.
އައިއެމްއެފްގެ ވަފުދު ރާއްޖެ އައީ އެ އިދާރާއިން ކޮންމެ އަހަރަކު އެއްފަހަރު ޤައުމުތަކުގެ މާލީ ޞިއްޙަތު ވަޒަންކުރުމަށް ކުރާ ”އާޓިކަލް 4 މިޝަން“ ގެ ދަށުންނެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި އާސަންދައިގެ އިސްރާފު ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާނެކަން ހާމަކޮށްފަ އެވެ. އޭގެތެރޭގައި އާސަންދައިން ދޫކުރާ ބޭހުގެ އަގުތައް ކޮންޓްރޮލްކުރުމާއި، ބަލްކްކޮް ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުން ހިމެނެ އެެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފައިދާނުވާ ބައެއް ކުންފުނިތައް، ފައިދާވާ ބައެއް ކުންފުނިތަކާ އެއްކޮށްލުންވެސް ހިމެނިފައިވެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)
