ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ތޮއްޑޫ ދަނޑުވެރިންގެ މާރުކޭޓުގެ ކިއޮސްކްތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފި އެވެ.
ބީސީސީން އިއުލާން ކުރި ގޮތުގައި މި ކިއޮސްކްތައް ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމުގެ މުއްދަތު 2024 އޮގަސްޓް 22 ވަނަ ދުވަހުގެ 16:00 އަށް އިތުރުކޮށްފައިވެ އެވެ.
އެ ކިއޮސްކްތައް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނީ 3،500 ރުފިޔާގެ ރޭޓުން ކަމަށް ބީސީސީން އިތުރަށް ބުނެފައިވެ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކިއޮސްކްތައް ކުއްޔަށް ދޫކުރުމަށް ފުރިހަމަކޮށްފައިވާ އޮންލައިން ފޯމް ހުށަހެޅުމާއި އިތުރު މައުލޫމާތު ހޯދުމަށް 3305555 ނުވަތަ 7556561 އަށް ގުޅުމަށް އެދިފައިވެ އެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ސުވާލު ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން އިތުރަށް ބުނެފައިވެ އެވެ.
ބީސީސީން ވަނީ ކިއޮސްކްތަކުގެ އަދަދު މަދުކަމުން ޝައުގުވެރިވާ ފަރާތްތަކުން ވީއެންމެ އަވަހަށް އެޕްލައި ކުރުމަށް އެދިފަ އެވެ.
ތޮއްޑޫގައި ދަނޑުވެރިންގެ ބާޒާރު ގާއިމްކޮށްފައިވަނީ ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި ދަނޑުވެރިންނަށް ވިޔަފާރީގެ ފުރުސަތު އިތުރުކުރުމަށާއި، ދަނޑުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ކުރިއެރުމުގެ ފުރުސަތު އިތުރު ކުރުމަށެވެ.
ބީސީސީން އިތުރަށް ބުނީ ދިވެހި ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ވިޔަފާރިވެރިންނަށް އެތަނުން އުފައްދާ އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ތޮއްޑޫއަކީ ރާއްޖޭގައި ކަރާ ފަދަ ބާވަތްތައް އެންމެ ފުޅާކޮށް ހަދާާ ރަށެވެ.