މާފަންނު ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ރަހީނުކޮށް ޖިސްމާނީ އަނިޔާ ދިން ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ 18:11 ހާއިރު ވަނީ މާފަންނު ގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓު ކޮށްފައިވެ އެވެ.
ފުލުހުން މިއަދު ބުނީ ހަމަ އަންގާރަ ދުވަހުގެ ރޭގައި މި މައްސަލަ އާއި ގުޅިގެން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގައި ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހ. ފޯ ސީޒަން / މާލެ އަހުމަދު އާހިލް މުނާޒް ކަމަށެވެ.
އާހިލް ގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
