މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ކޮލަމްބޯއާއި ސިންގަޕޫރަށް ދަތުރުތައް ފަށަން އުޅޭކަން އިއުލާންކޮށްފި އެވެ.
އެމްއެސްއެސްއިން މިކަން އިއުލާންކުރީ އެކުންފުނީގެ ރަސްމީ ޓްވިޓާ އެކައުންޓްގަ އެވެ.
”އަޅުގަނޑުމެންގެ ސައުތުއީސްޓް އޭޝިއާ އިން ކޮލަމްބޯއަށް ފީޑަރ ހިދުމަތް ފެށިކަން އިއުލާން ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ހާއްސަ ހިދުމަތުގެ ސަބަބުން ޕޯޓް ކްލަންގް އާއި ސިންގަޕޫރު، ކޮލަމްބޯ އާއި ގުޅުވައިލެވޭނެ.“
ފުރަތަމަ ދަތުރު ފަށަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު ޕޯޓް ކްލަންގް އިން ފުރުމަށް ހަމަޖެހިފައިވާ އުޅަނދު އެމްއެސްއެސް ގްރެފީން އާއެކުގައި ކަމަށް އެމްއެސްއެސް އިން ބުންޏެވެ.
އެމްއެސްސީގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވީ މި މަސައްކަތަށް އެމްއެސްސީ އިން ބޭނުންކުރާ ބޯޓުގައި އެއްފަހަރާ 500 އެއްހާ ކޮންޓެއިނާ އުފުލުމުގެ ގާބިލުކަން ލިބިގެންވާ ކަމަށެވެ.
އެމްއެސްއެސް އެމްޑީ ވިދާޅުވި ގޮތުގައި ”އަޅުގަނޑުމެން މި ބަލަނީ 14-15 ދުވަހުގެ ދެކޮޅު ދަތުރެއް، އެހެންވީމަ ދާއިރާއަކަށް ހަތް ދުވަސް، އަދި ވިޔަފާރި ކުރިއަށްދާ ވަރަކަށް މި ސަރަހައްދުގެ އިތުރު ބަނދަރުތައް އެމްއެސްއެސް ފީޑާ ނެޓްވޯކަށް ވަންނާނެ“ ކަމަށެވެ.
ޕޯޓް ކްލަންގް އާއި ކޮލަމްބޯ އިން އަންނަ މި މުދާ އެންމެ ފުރަތަމަ ކޮލަމްބޯ ބަނދަރަށް ގެނެވޭނީ މި އާ ހިދުމަތް މެދުވެރިކޮށް އެމްއެސްއެސް ގްރެފީން އިންނެވެ. އެއަށްފަހު މި މުދާތައް މާލެ އަށް ގެންދެވޭނީ ކޮލަމްބޯ – މާލެއާ ދެމެދު ދަތުރުކުރާ އެމްއެސްއެސްގެ ފީޑަރ ހިދުމަތް މެދުވެރިކޮށެވެ. އެމްއެސްއެސް ގަލެނާ އާއި ވައިސީ ބެރިއާ އިން ކޮލަމްބޯ އާއި މާލެ އާއި ދެމެދު ގަވާއިދުން 10 ދުވަހުގެ ޝަޓްލްއެއް ހިންގަ އެވެ.
އެމްޑީ ޝަރީފް ވިދާޅުވީ އެހެން މަންޒިލްތަކަށް ވެސް އެމްއެސްއެސްގެ ދަތުރުތައް ފެށުމުގެ ޕްލޭންތައް އެބަހުރި ކަމަށެވެ.
”އެކި ދާއިރާތަކަށް ބޭނުންވާ ބޯޓުތައް ހޯދުމަށް އަޅުގަނޑުމެން މި ވިސްނަނީ، ފައިނޭންސިން ލިބޭ މިންވަރަކުން އެކަން ކުރަން ރާވާފައި،“ އެމްއެސްއެސްގެ އެމްޑީ ޝަރީފް ވިދާޅުވި އެވެ.
އެމްއެސްއެސްގައި މިވަގުތު 5 ބޯޓުގެ ފްލީޓެއް އެބަހުއްޓެވެ. މިހާރު އެކުންފުނިން ހިންގަނީ ކޮލަމްބޯ – މާލެ އާއި ޔޫއޭއީ – މާލެ އާއި ދެމެދު ދަތުރުކުރާ ލައިނަރ ހިދުމަތްތަކެވެ. 30 އަށް ވުރެ ގިނަ ގައުމުގައި އެޖެންޓުން ތިބި އެ ކުންފުނީގެ 2،000 އަށް ވުރެ ގިނަ ކޮންޓެއިނަރު ވެސް ހުރެ އެވެ.
އެމްއެސްއެސް އަކީ އެސްޓީއޯގެ ޝިޕިން އަދި ލޮޖިސްޓިކްސް ކުންފުންޏެކެވެ. މި ކުންފުންޏަކީ ފުޅާދާއިރާއެއްގައި ބައިނަލްއަގްވާމީ ލައިނަރ ޝިޕިންގ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. ލޮޖިސްޓިކްސް ފަސޭހަކޮށް، ރާއްޖޭގެ އިގްތިސާދު ބަދަލުކުރުމުގެ ގޮތުން އެމްއެސްއެސްގެ ހިދުމަތް ފެށީ 2020 ވަނަ އަހަރު އެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)
