މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ބޮޑުތަނުން ހެޔޮކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
މިކަން ރައީސް މުއިއްޒު ހާމަ ކުރެއްވީ މިރޭ ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މާދަމާއިން ފެށިގެން މިފްކޯގެ ހުރިހާ ސްޓޭޝަންތަކަކުން ތެޔޮ ވިއްކާނީ އާ އަގުތަކެއްގައި ކަމަށެވެ. މިފްކޯއަށް މަސް ކިރާ ޢާންމު މަސްވެރިންނަށް އެވްރެޖްކޮށް 51 ލާރި އަގުހެޔޮވެ، ތެޔޮ ލިބޭނީ ލީޓަރަކަށް 13 ރުފިޔާ 90 ލާރިއަށެވެ. އަދި 3 ޓަނަށްވުރެ ގިނައިން މިފްކޯއަށް މަސް ކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވެ، ލީޓަރެއް 13 ރުފިޔާ 72 ލާރިއަށް ލިބޭނެއެވެ. ޢާންމު ފަރާތްތަކަށް ތެޔޮ ވިއްކާނީ 14 ރުފިޔާ 43 ލާރިއަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މި އަގުހެޔޮވުމުގެ ސަބަބުން ދެކުނުގެ މަސްވެރިންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ އެވެ. ދުވާލަކު އެވްރެޖްކޮށް 2000 ލީޓަރު ތެޔޮ ބޭނުންކުރާ ދެކުނުގެ މަސްވެރިންނަށް ގާތްގަނޑަކަށް ދުވާލަކު 1000 ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ އެސްޓީއޯ، އެފްއެސްއެމް އަދި މިފްކޯ ގުޅިގެން ގެނެވުނު އިންތިޒާމެއްގެ ތެރެއިން މަސްވެރިންނަށް ދެވޭ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
މި އަގުހެޔޮކުރުމަކީ ރިޔާސީ އިންތިޚާބުގައި މަސްވެރިންނަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމުގެ މަސައްކަތްކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
”ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެގޮތް އިރާދަކުރެއްވިއްޔާ ހަދައިދޭނަމޭ. އެސްޓީއޯ ރޭޓުގައި ތެޔޮ ލިބުމަކީ މުހިންމު މަސައްކަތްތަކެއް ކުރެވިގެން ކުރެވޭނެ ކަމެއް.“
އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެސްޓީއޯގެ ފިއުލް ސްޓޭޝަންތައް (ފިއުލް ސްކިޑްތައް) އަތޮޅުތަކުގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
ރައީސް ވިދާޅުވީ، މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށާއި، އަންނަ މާޗު މަސް ނިމެންވާއިރަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ވިއްކޭނެ މަރުކަޒުތައް ޤާއިމުކުރެވި ނިމޭނެ ކަމަށެވެ. އެމަނިކުފާނު ވަނީ މިފްކޯ، އެސްޓީއޯ، ފިނޭންސް މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓްރީއަށް މި މަސައްކަތުގައި ބައިވެރިވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިންގެ ދުވަސް މަސްވެރިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)



