އަންގާ ދުވަހުގެރޭ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަލޮޅު އަވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން އޮންނަނީ، އެ އަވަށުގައި ހުންނަ އިމާދުއްދީން ސްކޫލްގައި ކަމަށެވެ. އަންގާރަ ދުވަހުގެރޭ 20:30 ގައި އޮންނަ މި ބައްދަލުކުރެއްވުމަށް ގަޮޅުގެ ހުރިހާ ރައްޔިތުންނަށް ރައީސް ދައުވަތު އަރުވާކަމަށް ހީނާ ވިދާޅުވެފައިވެ އެވެ.
ހީނާ ވިދާޅުވި ގޮތުގައި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުވުންތަކުގެ ސިލްސިލާގެ ބައެއް ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އެމަނިކުފާނު އަޑުއައްސަވާނެކަމަށް ހީނާ ވިދާޅުވި އެވެ.
ރައީސް މީގެކުރިން ވަނީ ވިލިމާލެ، މައްޗަން ގޮޅީ، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.



