ދުނިޔޭގެ މަސްވެރިކަމުގެ ބާޒާރުގައި ރާއްޖެއަށް ބާރުތަކެއް ލިބި، އަގު ކަނޑައެޅުމުގެ ބާރު އޮންނަން ޖެހޭނެ ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ދުނިޔޭގެ ބާޒާރަށް ނެރޭ މަހުގެ މިންވަރު ބޮޑު ނަމަވެސް، މިވަގުތު އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް ލިބިފައިނުވާ ކަމަށެވެ. އެގޮތުން ދޮށީގެ މަސްވެރިކަމުގައި ބާނާ މަހުގެ ތެރެއިން ދުނިޔޭގެ ބާޒާރުގައި ވިއްކާ މަހުގެ 50 އިންސައްތައަކީ ރާއްޖެއިން އެކްސްޕޯޓު ކުރާ މަސްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. ޖަޕާނުން މަސް އެކްސްޕޯޓު ނުކުރާތީ މި މިންވަރު ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
”ދުނިޔޭގެ ބާޒާރަށް ނެރޭ ދޮށީގެ މަސްވެރިކަމުން ބާނާ މަހުގެ 50 އިންސައްތައަކީ ދިވެހިރާއްޖޭން އެކްޕޯޓްކުރާ މަސް، ދުނިޔޭގެ ބާޒާރަށް މިހާ ގިނަ މަސް ނެރޭ ބަޔަަކަށް ވާތީ އެ ބާޒާރުގައި ރާއްޖެއަށް ބާރެއް އޮންނަން ޖެހޭ،“ ޝިޔާމް ވިދާޅުވި އެވެ.
ނަމަވެސް، މިނިސްޓަރު ވިދާޅުވީ މިވަގުތު ދުނިޔޭގެ ބާޒާރުގައި ރާއްޖެއަށް އެއްވެސް ބާރެއް ނެތް ކަމަށާއި އަގު ކަނޑައެޅުމުގެ ބާރު ނެތް މައިގަނޑު ސަބަބަކީ މަހުގެ ސްޓޯރޭޖް ކެޕޭސިޓީއާއި ދަޅު ބަންދުކުރާ ފެސިލިޓީތައް ކުޑަވުމުގެ ސަބަބުން ރޯ މެޓީރިއަލް ދިގު މުއްދަތަކަށް ހިފެހެއްޓޭނެ ގޮތެއް ނެތުމެވެ. ރާއްޖޭން އަހަރެއްގެ މައްޗަށް 120،000 ޓަނުގެ މަސް ބާނާއިރު، އޭގެ ތެރެއިން 70 އިންސައްތަ މަސް ގަންނަ މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އަކީ އެންމެ 4200 ޓަނެވެ. އަދި ރާއްޖޭގެ ލޭންޑްބޭސްޑް ފެސިލިޓީތަކުގެ ޖުމްލަ ކެޕޭސިޓީ އަކީ 9,500 ޓަނު ކަމަށް ޝިޔާމް ފާހަގަ ކުރެއްވި އެވެ.
މި މައްސަލަތައް ހައްލުކޮށް، ރާއްޖެއަށް އަގު ކަނޑައެޅުމުގެ ބާރު ހޯދުމަށް ސަރުކާރުން ވަނީ ބޮޑެތި މަޝްރޫޢުތަކެއް ފަށާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ގދ. ތިނަދޫގައި 1000 ޓަނުގެ ފެސިލިޓީއެއް، ސ. ހުޅުމީދޫގައި 1000 ޓަނުގެ ފެސިލިޓީއެއް، ގއ. ކޫއްޑޫގައި 4000 ޓަނުގެ ފެސިލިޓީއެއް އަދި ގދ. ފިޔޯރީގައި 3000 ޓަނުގެ ފެސިލިޓީއެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި މަޝްރޫޢުތަކާއެކު ޖުމްލަ 15,000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އިތުރުވެގެންދާނެ ކަމަށާއި، އޭރުން ދުނިޔޭގެ ޕޯލް އެންޑް ލައިން ބާޒާރުގައި އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް ލިބިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން، މަސް ދަޅު ބަންދުކުރެވޭ ފެސިލިޓީތަކުގެ ކެޕޭސިޓީ ވެސް އިތުރު ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިހާރު ރާއްޖޭން ބާނާ މަހުގެ ތެރެއިން ދަޅުގައި ބަންދު ކުރެވެނީ އެންމެ 15 އިންސައްތަ މަސް ކަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ. މި ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ޅ. ފެލިވަރުގައި މިހާރު ހުރި 50 ޓަނުގެ ބަދަލުގައި 100 ޓަނުގެ ކެޕޭސިޓީއަށް، ފ. ނިލަންދޫގައި 50 ޓަނުގެ، ގދ. ފިޔޯރީގައި 100 ޓަނުގެ، އަދި ސ. ހުޅުދޫގައި 50 ޓަނުގެ ކެޕޭސިޓީ ހުންނަ ފެސިލިޓީތައް ގާއިމް ކުރެވޭނެ އެވެ.
މިކަންކަން ހާސިލުވުމުން މިހާރުގެ ދަޅު ބަންދު ކުރުމުގެ ކެޕޭސިޓީ ތިން ގުނަ އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ހުރިހާ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލިބޭ އެކްސްޕޯޓު އާމްދަނީ ވެސް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ޝިޔާމް ލަފާކުރެއްވި އެވެ. މިހާރު އެކްސްޕޯޓު އާމްދަނީގެ ގޮތުގައި ލިބެނީ 92 މިލިއަން ޑޮލަރު ކަމަށާއި، މި ހުރިހާ ފެސިލިޓީތަކެއް ގާއިމް ކުރެވިގެން ދިއުމުން އެކްސްޕޯޓު އާމްދަނީ 190 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަސް މަސްވެރިކަން މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް



