މަސްވެރިކަމާ ގުޅޭ ބައެއް ކަންކަން ހައްލު ކުރުމުގައި ވަގުތު ނަގަނީ، އިގުތިޞާދު ކުރިއަރާ މިންވަރަށް ވިސްނަގައިގެން އެ ކަންކަން ކުރަމުންދާތީ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރ. ދުވާފަރަށް ވަޑައިގެން މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސްގެ މި ވާހަކަފުޅުގައި، މަސްވެރިކަމުގެ ދާއިރާގައި ހުރި ގިނަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ބަޔާންކޮށްފައި ހުރި ބައެއް ކަންކަމަކީ، ފުރަތަމަ ދުވަހުން ފެށިގެން އެކަމަށްޓަކައި މަސައްކަތްތައް ކުރާ ކަންތައްތައް ކަމަށެވެ. ނަމަވެސް ބައެއް ކަންކަމަކީ، ރާއްޖޭގެ އިޤްތިޞާދު އެކަމަކަށް ފައްކާވީމަ، ކުރެވެންހުރި ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން ބޭރުގެ ބައެއް ލޯނުތަކާ ގުޅިފައި ހުރި މަޝްރޫޢުތައްވެސް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޫއްޑޫގައި ކުރާ މަސައްކަތް ނުވަތަ އެހެން ތަންތަނުގައި ފެށިފައި ހުރި ނުވަތަ ފަށަން ހުރި ބައެއް މަސައްކަތްތައް ބޭރުގެ އެކިއެކި ފައިނޭންސްތަކާއި ފައިނޭންޝަލް އެސިސްޓެންސްތަކާ ގުޅިފައި ހުރުމުގެ ސަބަބުން، އެކަންކަން ފުރިހަމަކުރުމަށްޓަކައި ވަރަށްގިނަ ދުވަސްތަކެއް ނަގާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ބޭރުގެ އެހީތަކާ ގުޅިފައި އޮންނަ ކަންކަމަކީ، އޮންނަ ޕްރޮސީޖަރ ފުރިހަމަކޮށް، އެފަރާތްތަކުން އެ މަސައްކަތްތައް ފުރިހަމަކުރުމުން ނިމޭ ކަންކަމެވެ. އެ ސަބަނާއިހުރެ ބައެއް އައިސް ޕްލާންޓްތަކާއި، ބައެއް ފެކްޓްރީތަކާއި، ބައެއް ކަންކަން ފެށުމުގައި ލަސްތަކެއް އައިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

”އެއީ، ސަރުކާރުން ވަކި ކަމެއް ގޯސްކޮށްގެން ގެނެސްނޫން. އަޅައިނުލައިނެއްވެސް ނޫން. އަދި އެފަރާތްތަކުން ކަމެއް ގޯސްކޮށްގެން ގެނެސްނޫން. އަޅައިނުލައިނެއްވެސް ނޫން. ހަމަ އެ އޮންނަ ޑިއު ޕްރޮސެސްއިން. ވަކި މަސްވެރިކަމުގެ އިންޑަސްޓްރީންގެ ވާގޮތެއްވެސް ނޫން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު އެ ހުރިހާ މަރުޙަލާތައް ނިމި، ޢަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާއަށް ގޮސްފައިވާ ކަމަށެވެ. މަސްވެރިންނަށްވެސް މިހާރު ޢަމަލީ މަސައްކަތަށް މޮބިލައިޒް ކުރެވިފައިވާތަން ފެނިވަޑައިގަންނަވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ނުފެށި ހުރި ގިނަ މަޝްރޫއުތަކުގެ މަސައްކަތްވެސް މިހާރު ފަށައިގަތުމާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ރައީސް މި ބައްދަލުވުމުގައި ވަނީ މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް އޮތް ތަނުގައި ވެސް މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި އެންމެ މުހިންމީ މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ އެކި ހިސާބުތަކުން، އެންމެ ދެކުނުން، އަދި އެންމެ އުތުރުންވެސް މި ޙަފްލާގައި ބައިވެރިވި މަސްވެރިންނަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިންގެ ދުވަސް މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް



