އައްޑޫ ހައި ސުކޫލުގައި ދަރިވަރަކާއި ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމުގައި ހިމެނޭ ދަރިވަރު، އަމިއްލައަށް މާފަށް އެދެންދެން ސަސްޕެންޑުކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނީ، މި ހާދިސާގައި ހިމެނޭ ދަރިވަރު މިހާރު ވަނީ ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު، އަމިއްލަ އަށް މާފަށް އެދެންދެން ސަސްޕެންޑުކޮށްފައި ކަމަށެވެ. އަދި ބިހޭވިއާ ޕްރޮގްރާމް ކުރިއަށް ދާނީ އެ ދަރިވަރު އަމިއްލަ އަށް މާފަށް އެދެންދެން ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު ކަމަށް ވާއިރު، މިކަމުގެ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހާދިސާ ހިނގާފައިވަނީ ކްލާސްރޫމެއްގެ ތެރޭގަ އެވެ. ވީޑިއޯއިން ފެންނަނީ ދަރިވަރަކާއި ޓީޗަރެއްގެ މެދުގައި ދެބަސްވުމެއް ހިނގާ މަންޒަރެވެ. އެގޮތުން، ޓީޗަރަކު ފިރިހެން ދަރިވަރަކު ކޮއްޕާލައި ވައްޓާލުމަށްފަހު، އެ ދަރިވަރުގެ ގައި މައްޗަށް އަރައި ކަރުގައި ހިފާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އެވަގުތު ދަރިވަރު އޭނާގެ އަމިއްލަ ދިފާއުގައި އުޅޭ މަންޒަރުވެސް ފެނިގެންދެ އެވެ.
މި ހާދިސާ ހިނގާއިރު ކްލާހުގައި ތިބި އެހެން ދަރިވަރުން، ޓީޗަރާއި ދަރިވަރު ހަމަޖެހުމަށް އެދި ބުނާ އަޑު ވެސް ވީޑިއޯއިން އިވެ އެވެ.
މި ހާދިސާ އާއި ގުޅިގެން އެ ވީޑިއޯތަކުން ފެންނަ ބިދޭސީ ޓީޗަރު ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.



