އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު 2-0 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށް، ޗެލްސީ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވުމާއެކު، ޗެލްސީން މެޗަށް ނިކުތީ ފޯމު ދެމެހެއްޓުމަށެވެ. އެގޮތުން، އެ ޓީމުން ވަނީ ބާންލީގެ މައްޗަށް ކުރިހޯދައި، ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ރޭ ނިއުކާސަލް ޔުނައިޓެޑު އަތުން ބަލިވުމާއެކު މެންޗެސްޓާ ސިޓީ ވަނީ ތިންވަނަ އަށް ވެއްޓިފައެވެ.
ބާންލީގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 37 ވަނަ މިނެޓުގައި ޖެމީ ގިޓެންސް ނަގައިދިން ހުރަހަކުން ޕެޑްރޯ ނެޓޯ ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުވެސް ނެޓޯ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މީގެއިތުރުން، ޖޮއާއޯ ޕެޑްރޯ، ގިޓެންސް، އެންޒޯ ފެނާންޑޭޒް އަދި މާކް ކުކުރޭލާ އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ފެނާންޑޭޒް ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.
މި މެޗުން ބަލިވުމާއެކު ބާންލީ ވަނީ ރެލިގޭޝަނަށް ވެއްޓިފައެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.
