އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓު ކައިރިން އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ލިވަޕޫލް ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވުމާއެކު، ލިވަޕޫލުން ރޭ ނިކުތީ މޮޅެއް ހޯދުމަށެވެ. ނަމަވެސް، އެ ޓީމު ވަނީ ނޮޓިންހަމް އަތްދަށުވެ، ވިދިވިދިގެން ދެވަނަ މެޗުން ބަލިވެފައެވެ. ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ފަސް މެޗުން ވަނީ ބަލިވެފައެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ކޯޗު، އާނޭ ސްލޮޓް ވަނީ މިއަހަރު ޓީމާ ގުޅުނު އެލެކްސަންޑާ އިސާކް އަށް ފުރަތަމަ 11 އިން ޖާގަ ދީފައެވެ. ނަމަވެސް، 125 މިލިއަން ޕައުންޑުގެ ރެކޯޑު އަދަދަށް ގެނައި އިސާކް އަށް ރޭގެ މެޗުގައިވެސް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ރޭގެ މެޗުގެ 33 ވަނަ މިނެޓުގައި ނޮޓިންހަމްގެ މުރިއްލޯ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފައެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ، ލިވަޕޫލްގެ އެލިސަން ބެކާ އަށް ދިފާއުކުރެވޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފު ފެށިގެން 47 ވަނަ ސިކުންތުގައި ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު، ނެކޯ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތަކުން ނިކޮލާ ސަވޯނާ ވަނީ ލަނޑު ޖަހައި ނޮޓިންހަމް އަށް ލީޑު ފުޅާކޮށްދީފައެވެ.
ލިވަޕޫލުން ކުޅުން ރަނގަޅުކޮށް، ލަނޑެއް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، ނޮޓިންހަމް އިން ވަނީ އިތުރު ލަނޑެއް ޖަހައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ މޯގަން-ގިބްސް ވައިޓް އެވެ.
މި ނަތީޖާއާއެކު ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ ޖުމްލަ 18 ޕޮއިންޓެވެ.
