ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނޭ ފުރުސަތު ފަހިވެގެންދިޔުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ”ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން“ މި ޝިއާރުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ޔަޤީންކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ، ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މެޑަމްގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމްތަކުން ފަހިވެގެންދާ ވަޒީފާގެ ފުރުސަތުތަކުން އިންސާނީ ކަރާމަތް ހިމާޔަތްކުރުމަށް އިސްކަންދެވި، ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީގޮތުން ސާބިތުވެގެންދާކަމަށް ފާހަގަކުރެއްވި އެވެ. އަދި، ”މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހްސާސްތަކާއި ވޭންތަކަށް ދެވުނު ފަރުވާއެއް“ ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ތާރީޚީ ގޮތުންވެސް ގައުމުތަކާއި އިންސާނިއްޔަތުގެ ތަރައްގީއާއި ކުރިމަގަށް އަގުނުކުރެވޭ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކެއްކަން މެޑަމް ސާޖިދާ ފާހަގަކުރެއްވި އެވެ.
މި ޕްރޮގްރާމަކީ ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. ފަސްޓް ލޭޑީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވަނީ އެ ފަދަ ފަރާތްތަކާއިމެދު ދެކޭ ނަޒަރިއްޔާތު ބަދަލުކޮށް، ގަދަރާއި، ހިތްވަރާއި، އެހީތެރިކަން ފޯރުކޮށްދީ، އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުޞަތު ފަހިވެގެން ދިޔުންކަމަށެވެ. މިއަދުގެ ރަސްމިއްޔާތުގައި، މެޑަމް ސާޖިދާ ވަނީ އެމްޕީއެލްގެ ވަޒީފާއާ އަލަށް ގުޅުނު 30 ފަރާތަށް ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްްވާފަ އެވެ.
މީގެއިތުރުން، މިއަދުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރާ އެކްސެސިބިލިޓީ ފީޗަރ، އިފްތިތާހްކުރުން އޮތެވެ. މި ފީޗަރ އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމެވެ. އަދި އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާނު ވަނީ މެޑަމް ސާޖިދާ މި ފަދަ ކަންކަމަށް ދެއްވާ އިސްކަން ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ހަދިޔާއެއް އެކަމަނާއަށް އަރުވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)
