ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ލޯ-ކޯސްޓް ދެ އެއާލައިން ކަމަށްވާ، އެއާއޭޝިއާ މެލޭޝިޔާ އަދި ތައި އެއާއޭޝިއާ އަށް ހިދުމަތް ދޭން ފަށައިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފި އެވެ.
މި ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުމާއެކު، 26 ޖުލައި 2025ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 25 އަށް އިތުރުވެފަ އެވެ.
ޓާމިނަލް 1 އިން މި ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ. މި ރަސްމިއްޔާތުގައި އެއާއޭޝިއާ ގުރޫޕުގެ ސްޓޭޝަން މެނޭޖަރު އިބްރާހިމް އަބްދުލް ކަރީމް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ދެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާއޭޝިއާ މެލޭޝިޔާ އިން ފުރި 135 ފަސިންޖަރުނާއި ތައި އެއާއޭޝިއާ އިން ފުރި 144 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާއޭޝިއާ މެލޭޝިޔާގެ ފުރަތަމަ ފްލައިޓް، AK074 އިން ރާއްޖެ އައި 164 ފަސިންޖަރުންނާއި ތައި އެއާއޭޝިއާގެ ފުރަތަމަ ފްލައިޓް، FD175 އިން ރާއްޖެ އައި 138 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މި ދެ އެއާލައިނަކީ ވެސް ރާއްޖެއަށް ގިނަ ދުވަސްތަކެއް ވަންދެން ދަތުރުކުރާ އެއާލައިންތަކެކެވެ. އެއާއޭޝިއާ މެލޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 22 އޮކްޓޫބަރު 2015 ގައެވެ. އަދި ތައި އެއާއޭޝިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 11 އޮގަސްޓް 2017 ގައެވެ.
މި ދެ އެއާލައިނަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުމަކީ ވީއައިއޭގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެ، ފަސިންޖަރުންނަށް ލުއިފަސޭހަ ގޮތްތައް ލިބިގެންދާނެ ކަމެކެވެ.
