ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓަރކާޑާ ގުޅިގެން، ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން، ނަސީބުވެރި ދެ ފަރާތަކަށް އަންނަ އަހަރު ޕެރިހުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗެއް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ބީއެމްއެލްގެ މާސްޓަރކާޑު ޕާސަނަލް ކާޑުތައް ބޭނުންކޮށްގެން ކުރާ ޓްރާންސެކްޝަންތަކަށެވެ. އެގޮތުން، ބީއެމްއެލް އީއެންވީ ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކެއް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ އެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ޕްރޮމޯޝަން ނިމުމުން، މާސްޓަރކާޑުން ފޯރުކޮށްދޭ ޚާއްސަ ފުރުސަތެއްގެ ދަށުން ދެ ނަސީބުވެރިން ހޮވާނެ އެވެ. މި ދެ ފަރާތަށް ވެސް ލިބިގެންދާނީ ޕެރިހުގައި ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕީއެސްޖީ އަދި ނިއުކާސަލް ވާދަކުރާ މެޗު ބަލައިލުމުގެ ފުރުސަތެވެ.
ނަސީބުވެރިންނަށް ލިބޭ އިނާމުތައް:
- ގްރޭންޑް ވިނަރ: ގްރޭންޑް ވިނަރގެ ގޮތުގައި ހޮވޭ ފަރާތަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް 4 ދުވަހުގެ ދަތުރެއް ލިބޭނެ އެވެ. އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި، ލަގްޒަރީ ހޮޓެލްއެއްގައި ހުރުމުގެ ފުރުސަތުގެ އިތުރުން ގައިޑެޑް ޓުއަރ އެއް ވެސް ލިބޭނެ އެވެ.
- ދެވަނައަށް ހޮވޭ ފަރާތް: ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް 3 ދުވަހުގެ ދަތުރެއް ލިބޭނެ އެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓެލްއެއްގައި ހުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. މާސްޓަރކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރ އެވެ. ބީއެމްއެލްއިން މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުން އަންނައިރު، މިފަދަ ޕްރޮމޯޝަންތަކުގެ ތެރެއިން ކަސްޓަމަރުންނަށް އަގުހުރި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ ބޭންކުގެ މަޤްސަދެކެވެ.
