ސައުދިއަރަބިއްޔާގައި ހިނގި އެކްސިޑެންޓެއްގައި އިންޑިއާގެ 45 އުމްރާވެރިން ނިޔާވެއްޖެ އެވެ.
ބޭރު މިޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އުމްރާވެރިން ގޮވައިގެން މައްކާއިން މަދީނާއަށް ދަތުރުކުރަމުންދިޔަ ބަހެއް ޑީސަލް ޓޭންކަރަކާ ޖެހިގެންނެވެ.
ރޭގެ މި އެކްސިޑެންޓްގައި ނިޔާވި މީހުންގެ އަދަދު 45 އަށް އަރާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މި ބަހުގައި އަންހެނުންނާއި ކުޑަކުދިންވެސް ތިބި ކަމަށާއި މި އެންމެންނަކީވެސް އިންޑިއާގެ ހައިދަރްއާބާދަށް ނިސްބަތްވާ މީހުންކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އުމްރާގެ އަޅުކަމަށްފަހު މައްކާއިން މަދީނާއަށް ދަތުރުކުރަމުންދިޔަ ބަސް ޑީސަލް ޓެންކަރުގައި ޖެހުމާއެކު އިލިފާން ރޯވި ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި އެ ބަހުގައި ދަތުރުކުރި މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ މީހެއް ކަމަށްވެސް އިންޑިއާގެ މީީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އެކްސިޑެންޓްގައި އިންޑިއާގެ އުމުރާވެރިން ނިޔާވި ޚަބަރުއެހީ ފުން ހިތާމައާއެކުކަން ފާހަގަކުރައްވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، ސައުދީގައި ތިބޭ އޮންޑިއާގެ އޮފިޝަލުންނާއި ސައުދީއަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިކަން ބަލަމުންދާ ކަމަށާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
