ޚަރަދު ކުޑަކުރުމަށް އެއްކޮށްލެވެން ހުރި ތަންތަން އެއްކޮށްލަންޖެހޭ: ނާޒިމް

Advertisement

އެންމެ ފަސް

Advertisement

ޚަރަދު ކުޑަކުރުމަށް މިނިވަން މުއައްސަސާތަކުގެ ތެރެއިން އެއް މަސައްކަތެއްކުރާ ތަންތަން އެއްކޮށްލަންޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ 20 މިނިވަން މުއައްސަސާއަކުން އަންނަ އަހަރުގެ ބަޖެޓަށް އިތުރު 607 މިލިއަން ރުފިޔާ ބޭނުންވާކަމަށް އެދިފައިވާ ކަމަށާއި މިއީ ބޮޑު އަދަދެއް ކަމަށެވެ. މީގެތެރެއިން އެންމެ ބޮޑު އަދަދެއް އެދިފައިވަނީ ޖުޑިޝަރީން ކަމަށާއި އެގޮތުން މުސާރައަށް އަންނަ ބަދަލާއެކު ޖުޑިޝަރީން އިތުރަށް 233 މިލިއަން ރުފިޔާ ބޭނުންވާކަމަށް ބުނެފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަންޖެހޭ ކަމަށާއި އަދި ބަޖެޓުން ސޭވިންގ އެއް ހޯދެން އޮތްގޮތްތައް ބަލަންޖެހޭ ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ތެރެއިން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަހަރަކު 14.7 މިލިއަން ރުފިޔާ ހަރަދުވާއިރު، ޗިލްޑްރެން އޮމްބަޑްސްޕާސަން އޮފީހަށް 8.8 މިިލިއަން ރުފިޔާ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 7.5 މިލިއަން ރުފިޔާ އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް 29 މިލިއަން ރުފިޔާ އަހަރަކު ޚަރަދުވާކަން ނާޒިމް ފާހަގަކުރެެއްވި އެވެ.

މިނިވަން މުއައްސަސާތަކުގެ ގޮތުގައި މިތަންތަން އުފެއްދުމަށްފަހު ގިނަ ޚަރަދުތަކެއް ތަކުރާރުވަމުންދާކަން ފާހަގަކުރައްވާ ނާޒިމް ވަނީ އޮފީސް ކުޑަ ނަމަވެސް ހުރިހާ މަގާމުތަކަކަށް މީހުން ތިބެންޖެހޭގޮތަށް ކަންކަން ތަރުތީބުވެފައި އޮންނަކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް މި ތަންތަނުނުް ނަތީޖާ ހާސިލު ކުރެވޭ މިންވަރާމެދު ސުވާލު އުފެދޭކަމަށް ނާޒިމް ވިދާޅުވި އެވެ.

އެކަމުގެ މިސާލެއްގެގޮތުން އިންޓެގްރިޓީ ކޮމިޝަން ނަންގަވާ ނާޒިމް ވިދާޅުވީ، މަގާމުތަކުގައި ތިބޭ މީހުންގެ އިންޓެގްރިޓީ ހިފެހެއްޓުމަށް ކުރެވުނު ކަމެއް ފެންނަން ނެތް ކަމަށެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި އެކި މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ކުރަމުންދާތާ 6 އަހަރު ވެފައިވާ ކަމަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަތައް ނިންމުމަށް އެދުނުނަމަވެސް އަދިވެސް ނިމިފައިނުވާކަން ނާޒިމް ފާހަގަކުރެއްވި އެވެ.

”މިކަހަލަ ތަންތަން އަޅުގަނޑަށް ފެންނަނީ، ޚަރަދު ކުޑަކުރުމުގެ ގޮތުން އެހެން ތަންތަނުގެ ދަށަށްލާން. ލާފަ އަޅުގަނޑުމެންނަށް ޖުމުލަ ޚަރަދު ކުރެވެން ހުރިގޮތެއް ބަލަން.“

ޗިލްޑްރެން އޮމްބަޑްސްޕާސަން އޮފީހަކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުުގެ ދަށުން އިތުރުކުރެވުނު އޮފީހެއްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ޗިލްޑްރެން އޮމްބަޑްސްޕާސަން އޮފީސްވެސް އެޗްއާރްސީއެމްގެ ދަށަށް ލެވިދާނެކަމަށެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަކީ ޖެންޑާ މިނިސްޓްރީގެ ކަންކަމަށް ފާރަވެރިވެ ލަފާ އެރުވުމަށް އޮންނަ ތަނަކަށްވާއިރު އެތަނަށްވެސް ޖެންޑާ މިނިސްޓްރީގެ ޕްރޮގްރާމް ބަޖެޓަށް ހޭދަކުރާ ވަރަށްވުރެ ބޮޑު އެއްޗެއް ހޭދަކުރަންޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ.

”ކަންވާނެގޮތް ނެތިފައި ނަންވާ ތަންތަން މިހުންނަނީ ހަދާފައި.“

ނާޒިމް ވަނީ މިގޮތަށް އެއްކޮށްލެވެން ހުންނަ ތަންތަން އެއްކޮށްލާފައި ޚަރަދު ކުޑަކުރެވެން ހުރިގޮތްތައް ހޯދައި އެ ސަލާމަތްކުރެވޭ ފައިސާއިން މުއައްސަސާތަކަށް ފައިސާ ހަމަޖެއްސުމަށް ހުށަހަޅުއްވާފަ އެވެ. ނާޒިމްގެ މިވާހަކަތައް ކޮމިޓީގެ މެންބަރުން ވަނީ ތާއީދު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

ބަޖެޓް 2026 ބަޖެޓް ކޮމިޓީ މ. ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ