ރަސްމާލޭގެ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ހިއްކަމުންދާ އެކި ސައިޓްތަކުގެ ތެރެއިން ސައިޓް-ޖޭ ގެ ބިން ހިއްކާ ނިމިފައިވާކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިހެން ބުނެފައިވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫ ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމާލެއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ.
ރަސްމާލެ އަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެދާ މަޝްރޫ އެވެ. މި މަޝްރޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މަޝްރޫޢުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. ސަރުކާރުން ހާމަކުރެއްވި މަޢުލޫމާތަށް ބަލާއިރު، ސައިޓް-ޖޭގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، ސައިޓް-އެލް ގެ 25.53 އިންސައްތަ، އަދި ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމާފައެވެ. މި ތިން ސަރަޙައްދުގެ މަސައްކަތްވެސް ދަނީ ބާރު ދުވެލީގައި ކުރިއަށް ގެންދަމުންނެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ރައީސް ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން، ކުރިއަށް އޮތް 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15،000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފަ އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން، މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
ކ. ފުށިދިއްގަރުފަޅުގައި ތިމާވެއްޓާ ރައްޓެހި ”އިކޯ ސިޓީ“ އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ރަސްމާލެ މަޝްރޫ ކުރިއަށްދާ ސަރަޙައްދަށް ރައީސް މުއިއްޒު މިއަދު ކުރެއްވި ޒިޔާރަތުގައި، ދަޢުލަތުގެ ބައެއް ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމާލެ ބޯހިޔާވަހިކަން
