ހައްޖު ދަތުރުގެ ކަންކަމަށް ގިނަ ލުއިފަސޭހަތަކެއް ލިބޭ ’މައްކާ ރޫޓް އިނީޝިއޭޓިވް‘ ގައި ރާއްޖެ ދާއިމީ ކުރަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފި އެވެ.
ރާއްޖެ މި އިނީޝިއޭޓިވްގައި ދާއިމީކޮށް ހިމެނުމުގެ ނިންމުން އަންގާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިކަން އަންގާފައިވަނީ މިނިސްޓަރު ޝަހީމް މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި ދާއިމީ ގޮތެއްގައި މައްކާ ރޫޓް ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ދިވެހިންނަށް ވަރަށް ބޮޑަށް ފަސޭހަވެ، ހިތްހަމަޖެހުން ލިބިގެންދާނެ ކަމެކެވެ. ސައޫދީ އަރަބިއްޔާއިން މި ފުރުސަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ އަދި ޕާކިސްތާން ފަދަ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކަށެވެ.
މި އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާ އެންމެ ބޮޑު އެއް ފަސޭހައަކީ، ސަޢޫދީ އަރަބިއްޔާއަށް އެތެރެވުމުގެ ކުރިން އިމިގްރޭޝަންގެ އެންމެހައި ކަންކަން ނިންމާލެވޭނެ ކަމެވެ. އަދި ޙައްޖުވެރިންގެ ފޮށިތައް ސީދާ އެ ބޭފުޅުން ތިއްބަވާ ހޮޓަލާ ހަމައަށް ގެންގޮސްދިނުމުގެ ޚިދުމަތް ވެސް މި އިނީޝިއޭޓިވްގެ ދަށުން ލިބިގެންދާނެ އެވެ.
މި އިންތިޒާމުގެ ސަބަބުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަން މަދުވެގެންދާނެ އެވެ. މިއީ ޚާއްޞަކޮށް ދުވަސްވީ އުމުރުފުރައިގެ ޙައްޖުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމުގައި ފާހަގަކުރެވެ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ޙައްޖު އަދި އުމްރާ ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމަށް ތަޢާރަފުކޮށްފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ. ރާއްޖެ މައްކާ ރޫޓުގައި ހިމެނިފައިވަނީ އެއްވެސް އެއްބަސްވުމެއް ނެތި، ހަމައެކަނި ސައުދީ އަރަބިއްޔާގެ ރަސްގެފާނާއި ވަލީޢަހުދުގެ އެންގެވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ހައްޖު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
