2023 ވަނަ އަހަރުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފަތުރުވެރިކަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ސަރުކާރަށް ލިބުނު އާމްދަނީގެ އަދަދު 200 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯދުމަށް އެދުނު ސުވާލަކަށް ޖަވާބު ދެއްވައި މިނިސްޓަރ ތާރިގް އިބްރާހިމް ހިއްސާކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިކަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ކުލީގެ ގޮތުގައި 1 ޖުލައި 2023 އިން 31 ޖުލައި 2025 އަށް ސަރުކާރަށް ލިބުނު އާމްދަނީ އަކީ 227،479،161.00 ޔޫއެސް ޑޮލަރެވެ.
މި ތަފާސްހިސާބުން އެނގޭ ގޮތުގައި ފަތުރުވެރިކަމަށް 12 އަތޮޅަކުން ފަޅުތަކާއި ރަށްތައް ދޫކޮށްފައިވެ އެވެ. އަދި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ އަދަދަކީ 32 އެކެވެ.
ސަރުކާރުން ބޮޑު އަގުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރޭގައި ދ. އަތޮޅު ކިރައިދޫ އަދި ދެބައިދޫ ހިމެނެ އެވެ. އެ ދެރަށުން ކުލީގެ ގޮތުގައި ސަރުކާރަށް 30 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނ. އަތޮޅު ކަރިންމަވައްތަރުން 18.2 މިލިއަން ޑޮލަރު ލިބިފައިިވާއިރު ރ. އަތޮޅު ދޯރަގަލިން 16 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ނ. މާކުރެއްދޫ އިން 13.8 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 1،804،515 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުވުމެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
