އއ އަތޮޅުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ހަތަރު ބޮޑެތި މަޝްރޫޢެއް ބާރަށް ކުރިއަރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންދާ އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫޢުތަކުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ހެދުމުގެ މަސައްކަތުގެ އިތުރުން، އާއްމު ޚިދުމަތުގައި ހިމެނޭ ބިނާތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ހިމެނެ އެވެ.
އެމްޓީސީސީއިން މިވަގުތު އއ އަތޮޅުގައި ހިންގާ ހަތަރު މަޝްރޫޢަކީ: ހިމަންދޫ ޝޯރ ޕްރޮޓެކްޝަން ސްޓްރަކްޗަރސް ޑިޒައިންކޮށް ބިލްޑް ކުރުން، ރަސްދޫ ބަނދަރު ބްރޭކްވޯޓާ އެންޑް ކޯސްޓަލް ޕްރޮޓެކްޝަން، ބޮޑުފޮޅުދޫ އައުޓްޑޯ ޖިމް ޤާއިމުކުރުން އަދި އުކުޅަސް ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫޢު އެވެ.
އެމްޓީސީސީން ބުނި ގޮތުގައި އއ. ހިމަންދޫ ޝޯރ ޕްރޮޓެކްޝަން ސްޓްރަކްޗަރސް ޑިޒައިންކޮށް ބިލްޑް ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރޭގައި ގްރޮއިން ރޮކް އިންސްޓޯލްކުރުމާއި، އެނދު ތައްޔާރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ޖުމްލަ 26% މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން އއ. ރަސްދޫ ބަނދަރު ބްރޭކްވޯޓާ އެންޑް ކޯސްޓަލް ޕްރޮޓެކްޝަން މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްގެންދަނީ ވެލީގެ ބަންޑު (ސޭންޑް ބަންޑް) ހެދުމުގެ މުމަސައްކަތެވެ. އަދި އެ މަސައްކަތްވެސް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެއިތުރުން އއ. ބޮޑުފޮޅުދޫގައި އައުޓްޑޯ ޖިމް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުޙަލާގަ އެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ލޭންޑްސްކޭޕިންގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ހާމަކުރެ އެވެ. މި މަޝްރޫޢުގެ ޖުމުލަ 85% މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، ބާކީ އޮތް ބައިވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެ ކުންފުނިން ލަފާކުރެވެ އެވެ.
ސަލާމަތީ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރިއަށްގެންދާ އއ. އުކުޅަސް ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫޢުވެސް އަންނަނީ ހަލުވިކަމާއެކު ކުރިއަށް ދަމުންނެވެ. އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ގްރައުންޑް ލެވެލް މެސަންރީއާއި ޕްލާސްޓަރ ކުރުމުގެ މަސައްކަތް ކަމަށެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)
