ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ކުއާޓާ ފައިނަލުގައި ރޭ ފަހުވަގުތު ޝަނާން ރަޝާދު ޖެހި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން އެމްއޭސީއެލް ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްރާއްސީ) ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އާރްއާރްސީ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގަދަ 16 ބުރުގައި ބީއެމްއެލް ބަލިކުރުމަށްފަހުއެވެ. އަދި އެމްއޭސީއެލް އިން ވަނީ ގަދަ 16 ބުރުގައި ކްލަބް ޓީޓީއެސްގެ މައްޗަށް ކުރިހޯދާފައެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 11 ވަނަ މިނެޓުގައި އާރްއާރްސީ އަށް ލިބުނު ހިލޭ ޖެހުމަކުން އަހުމަދު އަފްލާޒް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފައެވެ. ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔަ އެމްއޭސީއެލް އަށް އިތުރު މައްސަލަތައް ދިމާވީ، މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، އާމިރު ހުސައިން އަށް ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.
ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޝަނާން ވަނީ ލަނޑެެއް ޖަހައި އާރްއާރްސީ އަށް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން އަހުމަދު ހުސާމް (ހުސާންކޮ) ވަނީ ލަނޑު ޖަހައި އެމްއޭސީއެލް އަށް ފަރަގު ކުޑަކޮށްދީފައެވެ.
ދެވަނަ ހާފުގައި އެމްއޭސީއެލް އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. އެމްއޭސީއެލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަބްދުﷲ ސުޒެއިރު އެވެ. ނަމަވެސް، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ސުޒެއިރު ކުރި ފައުލަކާ ގުޅިގެން، އެމްއޭސީއެލްގެ ހަ ފައުލް ހަމަވެ، އާރްއާރްސީ އަށް ވަނީ ދުރު ޕެނަލްޓީއެއް ލިބިފައެވެ. ދުރު ޕެނަލްޓީ ކާމިޔާބުކޮށް ޝަނާން ވަނީ އާރްއާރްސީ މޮޅުކޮށްދީފައެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އާރްއާރްސީ ނިކުންނާނީ މޯލްޑިވިއަން އާ ދެކޮޅަށެވެ.