ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް މެންބަރުން އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން ޑރ. އައިޝަތް ރަމީލާއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.
މަޖިލީހުގެ އިދާރާއިން ކުރި އިއުލާންގައި ބުނެފައިވަނީ، އެޗްއާރްސީއެމްއަށް ޑރ. އައިޝަތް ރަމީލާ އައްޔަނުކުރުމާ މެދު އެއްވެސް ފަރާތަކުން ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު އޮކްޓޫބަރު 26 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މެއިލް އެޑްރެސް (human.rights_committee@majlis.gov.mv) އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށް ވަނީ އަންގާފައެވެ.
ޑރ. އައިޝަތް ރަމީލާއަކީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް ކެންސަރު ބަލީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށްޓަކައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ މަގާމުން އިސްތިއުފާ ދެއްވާފައިވެ އެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް ހުށަހެޅޭ ފަރާތްތަކާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަކީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރަމުން އަންނަ އާންމު އުސޫލެކެވެ.
ރައްޔިތުންގެ މަޖިލިސް އެޗްއާރްސީއެމް މިނިސްޓަރ އާއިޝަތު ރަމީލާ