މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނާ ސިނގިރޭޓުގެ މައްސަލަގައި ހައްޔަރު ކުރި 4 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
މި މައްސަލައިގައި ހައްޔަރު ކުރި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައިވަނީ 10 ދުވަހެވެ. ދެން ހައްޔަރު ކުރި ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އާއި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.
މި މައްސަލައާ ގުޅިގެން އިތުރު 12 މީހަކު ފުރުން މަނާކޮށްފައިވާއިރު ވެހިކަލްތަކަކާއި ބައެއް އިތުރު ތަންތަން ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ. އަދި މި މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު މި ސިނގިރޭޓްތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގަ އެވެ. މިއީ ޖުމްލަ 1،360 ކޭސް ސިނގިރޭޓެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ސިނގިރޭޓްތަކުގެ ޑިއުޓީއަށް 122 މިލިއަން ރުފިޔާ އަރަ އެވެ.
މި ސިނގިރޭޓްތައް ވަގަށް އެތެރެކުރަން އުޅެނިކޮށް ފަޅާއެރީ މި އަހަރުގެ އޭޕްރީލް މަހުގަ އެވެ. އޭގެ ފަހުން މި ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ބަހައްޓާފަ އެވެ.
އެމްޕީއެލްއިން ބުނީ ކަސްޓަމްސްއިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރއެއް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ގެއްލުނު މައްސަލަ ފާހަގަވީ 8 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭކަމަށެވެ. އަދި މައްސަލަ ފާހަގަވި ވަގުތުން ފެށިގެން އެ ކުންފުނިން އެތެރޭގެ ތަހުގީގެއް ފަށާފައިވާކަމަށް އެމްޕީއެލްއިން ބުނެ އެވެ.
ކަސްޓަމްސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދިވެހި ފުލުހުންގެ ޚިދުމަތް ދެ ކޮންޓެއިނާ ސިނގިރޭޓްގެ ވައްކަން