އެމްޑީޕީން މާލޭގައި އޮކްޓޫބަރު 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ރިޔާސަތުން ނުދޭން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
މި ކުއްލި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައި ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
މެންބަރު މައުރޫފް ޒާކިރުގެ ކުއްލި މައްސަލައިގައި، މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ޖިސްމާނީ ގޮތުން އެކިވަރުގެ ހާނިއްކަ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާކަމަށާއި އެމީހުންގެ އަސާސީ ހައްގުތައް ފުރިހަމަ ނުކޮށްދޭ ކަމަށާއި އެމީހުންނަށް ޖިސްމާނީގޮތުން ހާނިއްކަވެފައިވާ ކަމަށާއި އެއް ހަފްތާއަށްވުރެ ގިނަ ދުވަސް ފަރުވާނުދީ ގަސްދުގައި ލަސްކޮށްފައިވާކަމަށް ހާމަވާކަމަށާއި އަދި ދާއިމީ ބޭސްތަކަށް ބޭސްކާ މީހުންނަށް އާއިލާއިން ބޭސްފޮނުވުމަށް ލަސްކޮށްފައިވާކަމަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ. އަދި އެއީ ހަގީގަތެއްކަން މެންބަރަށް މައްސަލައިގައި ދައްކުވައިދެވިފައިނުވާ ކަމަށާއި، މަޖިލީހުގެ ގަވައިދުގެ ދަށުން ކުއްލި މައްސަލައެއްގައި ބަޔާންކުރާ ކަންކަމަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައެއްކަން ކަށަވަރުކުރުމަކީ މައްސަލަ ހުށަހަޅާ މެންބަރު ކުރަންޖެހޭ ކަމެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްފައިވެ އެވެ.
އެހެންކަމުން އެ ކުއްލި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުމުގެ ފުރުސަތު ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގައި 8 މީހަކު ހައްޔަރުކުރިއިރު އޭގެތެރެއިން 6 މީހެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ޔައުގޫބު އަބްދުﷲ، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް އަދި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރު ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް