ވިހަ މާއްދާއެއް ހުރި ކޯފް ސިރަޕް ރާއްޖެ އެތެރެކޮށްފައެއް ނެތް

Advertisement

އެންމެ ފަސް

Advertisement

ވިހަ މާއްދާއެއް ހިމެނިގެން ވިއްކުން މަނާކޮށްފައިވާ ކޯފް ސިރަޕް ރާއްޖެ އެތެރެ ނުކުރާ ކަން ޔަގީން ކުރެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު އިއުލާނުގައި ބުނެފައިވަނީ އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކޯފް ސިރަޕްތަކެއްގައި ވިހަ މާއްދާއެއް ކަމަށްވާ ޑީއީޖީ (ޑައިތިލީން ގްލައިކޯލް) އަދި އީޖީ (އެތެލޭން) ހުރެގެން ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކް (އެސްއީއޭއާރުއެން) އިން އެ އޮތޯރިޓީއަށް އެލާޓްކޮށްފައިވާ ކަމަށެވެ. މި ސިރަޕްތަކަކީ ސިރަޕް ކޯލްޑްރިފް، ރެސްޕިފްރެޝް އަދި ސިރަޕް ރީލައިފް އެވެ.

އެމްއެފްޑީއޭ އިން ބުނެފައިވަނީ މި ތިން ކުންފުންޏަކީވެސް އެ އޮތޯރިޓީން ބޭސް އިމްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫން ކަމަށެވެ. އަދި މި ކުންފުނިތަކުން އުފައްދާ އެއްވެސް ބޭހެއް ރާއްޖެއަށް އެތެރެކޮށްފައި ނުވާކަންވެސް ޔަގީންކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، އެމްއެފްޑީއޭ އިން ވަނީ ”އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާ އަށް ގޮސް އުޅޭ ގައުމަކަށް ވާތީ ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިޔާ އިން ބޭސް އެތެރެކުރާތީ މި ކަމަށް ސަމާލުވުމަށް“ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ހާއްސަކޮށް ތުއްތު ކުދިންނަށްދޭ ބޭހުގައި މިހާރު ފާހަގަކުރެވެމުންދާ މައްސަލަ ހައްލު ކުރުމަށް އަބަދުވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. މިގޮތުން ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ކުޑަކުދިންގެ ބޭސް އެތެރެކުރާއިރު، އެ ދެ ވިހަ މާއްދާ ނުހިމެނޭކަން ކަށަވަރުކޮށްދޭ ލެބޯރެޓަރީ ތަހުލީލު ރިޕޯޓް ހޯދުމަކީ މިހާރު ކުރަމުންދާ މުހިންމު ކަމެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ