ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި އާ ގާނޫނެއް ހެދުމަށްޓަކައި ޖުމުލަ 6 ބިލެއް މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އދ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ މިމަހު ފެށުނު މިއަހަރުގެ ފަހު ދައުރުގެ ތެރޭގައިވެސް ޖުމުލަ 27 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުޅިން އާ 12 ގާނޫނެއް އުފެއްދުމަށް ހުށަހަޅާ ބިލުތަކެއް ހިމެނޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ހިމެނޭ ގޮތަށް ގިނަ އިސްލާހުތަކެއްވެސް ގެންނާނެކަމަށް ރައީސް ވިދާޅުވި އެވެ. ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިސްލާހުކަމަށް ރައީސް ވިދާޅުވި އެވެ.
ވަށާ ޖެހޭ ތަރައްގީއެއް ގެނައުމަށްޓަކައި ނިޒާމު ހަރުދަނާ ކުރުމަށް ކަންތައްތަކެއް ކުރައްވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަންކަމަށްވެސް ބިލުތައް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މީގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމަށްޓަކައި ހުށަހަޅާ ބިލުތަކުގެ ވާހަކަ ރައީސް ވަކިން ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މިހާތަނަށްވެސް އެތަށް ކަމެއް ކޮށްފައިވާނެ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާ 27 ބިލުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް ހުށަހަޅާ 6 ބިލެއް ހިމެނޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، މިހާރު ގާނޫނީ ގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލުމާއެކު މިކަމުގައި ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށެވެ.
ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ހުށަހަޅާ އެއް ބިލަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް ގެންނަ އިސްލާހެއް ކަމަށެވެ. މި އިސްލާހަކީ މިހާރު ގާނޫނު އޮތް ގޮތުން ދެމި ގަންނަ ފަރާތްތައް ހުއްޓުވުމަށްޓަކައި ގެންނަ އިސްލާހެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި މުޅިން އާ ގާނޫނެއްގެ ގޮތުގައި އެސެޓް ރިކަވަރީ ގާނޫނު ވުޖޫދު ކުރުމަށް ހުށަހަޅާ ބިލުވެސް މީގެ ތެރޭގައި ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން ބޮޑެތި އަދަދުތަކުން ވައްކަން ކޮށްފަ، ރައްޔިތުންގެ ފައިސާ ފޮރުވާފަ ތިބި ފަރާތްތަށް އެބަ ތިބި. މުދާ ފޮރުވާފަ. އެ ހޯދޭނެ ގޮތެއް ނެތް. އެހެންވީމަ އެސެޓް ރިކަވަރީ ބިލެއް އެބަ ހުށަހަޅަން.
ރާއްޖެއަށް ވަށާ ޖެހޭ ތަރައްގީއެއް ގެނައުމަށްޓަކައި ގާނޫނީ ނިޒާމުގެ ތެރެއަށް ގެންނަން ޖެހޭ އިސްލާހުތައް ކުރިއަށް އޮތްތާވެސް ގެންނަމުންދާނެކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އާ ގާނޫނުތައް ހެދުމާއެކު މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ގެންނަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެތަށް ބިލެއް ހުށަހަޅާ އެތަށް ބިލެއްގެ މަސައްކަތް ނިންމާފައިވާކަން ރައީސް މުއިއްޒު ފާހާގަ ކުރެއްވި އެވެ. އަދި މިހާރުވެސް 18 ވަރަކަށް ބިލުގެ މަސައްކަތް މަޖިލީހުން ކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ކޮރަޕްޝަން އދ. މަހިބަދޫ
