މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބުކުރާ މަގާމުތަކަށް ޖުމުލަ 6 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މީޑިއާ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައި އޮތީ މިއަދު މެންދުރު 14:00 އާ ހަމައަށެވެ.
އީސީން މިއަދު ބުނެފައިވަނީ ވަގުތު ހަމަވިއިރު، އިންތިޚާބުގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހަޅާފައިވަނީ ޖުމްލަ 6 ފަރާތަކުން ކަމަށެވެ.
އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލް ކުރާ މެންބަރުންގެ މަޤާމަށް 4 ބޭފުޅުން ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން ކެންޑިޑަސީ ޤަބޫލުކޮށްފައިވަނީ 3 ބޭފުޅެއްގެ އެވެ. އަދި އެއް ބޭފުޅެއްގެ ކެންޑިޑެސީ ގަބޫލުކޮށްފައިނުވާއިރު، ކެންޑިޑެސީ ގަބޫލުކޮށްފައި ތިން ފަރާތުގެ ތެރެއިން އެއް ބޭފުޅަކު ނަން އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާފައިވާ ކަމަށް އީސީން މައުލޫމާތުދީފައިވެ އެވެ.
އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ މެންބަރުންގެ މަޤާމަށް 2 ބޭފުޅުން ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން އެއް ބޭފުޅެއްގެ ކެންޑިޑަސީ ޤަބޫލުކޮށްފައިވާ ކަމަށާއި އަދި އެއް ބޭފުޅެއްގެ ކެންޑިޑަސީ ޤަބޫލުކޮށްފައިނުވާ ކަމަށް އީސީން ބުނެފައިވެ އެވެ.
އިންތިޚާބުގެ ވޯޓުލުން އޮންނާނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގައި ބުނެފައިވާގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެ ހަތް މެންބަރުންގެ ތެރެއިން 3 މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު، ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން