ބަދަލުތަކަކާއެކު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅާފައިވަނީ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.
މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. ކޮމިޓީން މިއަދު ވަނީ ބިލުގެ މަސައްކަތް ނިންމައިފަ އެވެ.
ކޮމިޓީން ބިލު ދިރާސާކޮށް ނިންމިއިރު، ބައެއް އިސްލާހުތައް ވަނީ ގެނެސްފަ އެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި ވަކި ސަރަަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި ހަމައެކަނި އެ ސަރަހައްދުގެ ރައްޔިތުންނަށް ހާއްސަކޮށް ވޯޓު ނެގޭގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.
ކޮމިޓީން ބިލަށް ގެނައި އިސްލާހުގައިވާގޮތުން ވޯޓް ނެގުމުގެ 21 ދުވަހުގެ ކުރިން އެ ވޯޓާ ގުޅޭ މައުލޫމާތު ކަރުދާސް އާންމުކުރަންޖެހެ އެވެ. މީގެއިތުރުން ވޯޓުގެ އަޣުލަބިއްޔަތު ބަލާނީ ވޯޓުލީ މީހުންގެ ތެރެއިން ސައްޚަ ވޯޓުގެ 50% އަށްވުރެ އިތުރަށް ލިބުމުން ކަމަށްވެސް ހިމަނާފައިވެ އެވެ.
ސަރުކާރުން މި ބިލު ހުށަހަޅާ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އެ ވޯޓު ނެގުމާގުޅޭ އެންމެހައި އުސޫލުތައް ޤާނޫނެއްގައި ބަޔާންކުރުން ކަމަށެވެ.
ބިލުގައިވާގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ:
- ރައްޔިތުންނާގުޅޭ މުހިންމު ކަންތައްތަކުގައި،
- ޤައުމީ މުހިންމު މައްސަލަތަކުގައި،
- ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް އިސްލާހުކުރާނަމަ،
- ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ އުމުރާއި ގުޅޭ މާއްދާ އިސްލާހުކުރާނަމަ،
- ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ބުނާ ރިޔާސީ ދައުރާއި ގުޅޭ މާއްދާ އިސްލާހުކުރާނަމަ،
- ޤާނޫނުއަސާސީގެ 108 ވަނަ މާއްދާގައި ބުނާ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާގޮތް އިސްލާހުކުރާނަމަ،
- ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބުނާ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުމުގެ މާއްދާ އިސްލާހުކުރާނަމަ
- ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބުނާ ދިވެހިރާއްޖޭގެ ސަރަހައްދާގުޅޭ މާއްދާ އިސްލާހުކުރާނަމަ
- ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައިސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ ކޮމިޓީ މަސައްކަތް ނިންމާފައިވާއިރު އަންނަ ހޯމަ އަދި އަންގާރަ ދުވަހު މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާތަކެއް ބޭއްވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މި ޖަލްސާތަކުގައި މި ބިލު މަޖިލީހުން ފާސްކުރުމަށް ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.