އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޑޮމިނިކް ސޮބޯސްލާއި ޖެހި މޮޅު ލަނޑާއެކު ލިވަޕޫލުން 1-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށްފިއެވެ.
އާސެނަލްއާ ދާދި ފަހުން ގުޅުނު ފޯވާޑް، އެބެރެޗީ އެޒޭ ރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމަނާފައިނުވާއިރު، ބުކާޔޯ ސަކާ ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު، ވިލިއަމް ސަލީބާއަށް އަނިޔާވުމާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. މެޗަށްފަހު ކޯޗު، މިކޭލް އާޓެޓާ ބުނީ މެޗު ފެށުމުގެ ކުރިން ސަލީބާގެ ފައިގެ ކުޑަ ހުޅަށް އަނިޔާއެއް ލިބުނު ކަމަށެވެ.
ރޭގެ މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭކާރު ވެފައެވެ. އެގޮތުން، ލިވަޕޫލްގެ ހޫގޯ އެކިޓޭކޭ ޖެހި ލަނޑު، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ލިވަޕޫލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ ސޮބޯސްލާއި އެވެ. 30 ޔާޑް ދުރުން ލިބުނު ހިލޭ ޖެހުމެއްގައި، ސޮބޯސްލާއި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މި ނަތީޖާއާއެކު ލިވަޕޫލް ވަނީ ތާވަލުގެ އެއްވަމައަށް ޖެހިލާފައެވެ. ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ލިވަޕޫލް އެވެ.