ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖުރިމަނާ ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް ދައުލަތުން ތަންފީޒުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އެއް މަސްތެރޭގައި އެއް މިލިއަން ރުފިޔާގެ ޖުރިމަނާ ދައުލަތަށް ދެއްކުމަށް އަދީބުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 2024 ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.
ނަމަވެސް ހުކުމާ އެއްގޮތަށް އަދީބު އެ ފައިސާ ދައްކާފައިނުވާތީ، ހުކުމް ތަންފީޒުކުރަން ދައުލަތުން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.
ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދީބު އެއް މިލިއަން ރުފިޔާއިން ޖުރިމަނާކޮށް އެ ފައިސާ އެއް މަސްތެރޭގައި ދެއްކުމަށް އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 5 އޮކްޓޫބަރު 2020 ވަނަ ދުވަހު އެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުގެ މި ހުކުމާ އެއްގޮތަށް އަދީބު އެ ފައިސާ ދައްކާފައެއް ނުވެ އެވެ.
އަދީބުގެ މައްޗަށް ޖުރިމަނާގެ ހުކުމެއްގެ އިތުރުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގަ އެވެ. އަދީބު ވަނީ އެ މައްސަލައިގައި ކުށަށް އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެން ތިން ދުވަހަށް ވެފައިވަނިކޮށް ވަނީ އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ އަދަބު ލުއި ކޮށްދެއްވާފަ އެވެ. އޭގެ ސަބަބުން އަދީބު އަދި ޒިޔަތު ވަނީ މިނިވަން ވެފަ އެވެ.
ބަންޑާރަ ނައިބުގެ އޮފިސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިވިލް ކޯޓު
