ރާއްޖޭގައި އިންސާނީ ހައްޤުތައް ރައްކާތެރި ކުރެވެމުންދާ މިންވަރާ ގުޅޭ ރިވިއުކުރުން މިއަދު އ.ދގެ އޮފީހުގައި ކުރިއަށްދާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ހަތަރުވަނަ ސައިކަލްގައި، ރާއްޖެ ރިވިއުކުރުން ޖެނީވާގައި ހުންނަ އދގެ އޮފީހުގައި މިއަދު ކުރިއަށްދާނެ ކަމަށެވެ.
ޔޫޕީއާރުއަކީ، އ.ދ. ގެ މެންބަރު ޤައުމުތަކުގައި އިންސާނީ ހައްޤުތައް ރައްކާތެރި ކުރެވެމުންދާ މިންވަރާއި، އެ ޤައުމުތަކުގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި، އިންސާނީ ހައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތައް ތަންފީޒުކުރެވެމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށްގެންދާ މި ރިވިއު ޕްރޮސެސްގެ ފުރަތަމަ ތިން ސައިކަލްގައިވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދީފައިވެ އެވެ.
ޔޫޕީއާރުގެ ކޮންމެ ސައިކަލްއެއްގައި، އޭގެ ކުރީ ސައިކަލްގައި އެ ޤައުމަކަށް އެހެން ޤައުމުތަކުން ހުށަހަޅާފައިވާ ކަންކަން ތަންފީޒުކުރަމުންދާ މިންވަރާއި، އެ ހުށަހެޅުންތައް ތަންފީޒުކުރުމަށްޓަކައި އެ ޤައުމަކުން ކުރަމުންދާ މަސައްކަތްތަކާއި ދިމާވަމުންދާ ގޮންޖެހުންތައް ބަޔާންކޮށް، ނޭޝަނަލް ރިޕޯޓެއް ހުށަހަޅަންޖެހެ އެވެ. އެގޮތުން، ރާއްޖެއިން ހުށަހަޅަންޖެހޭ ނޭޝަނަލް ރިޕޯޓު 4 އޮގަސްޓު 2025 ގައި ހުށަހަޅާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދީފައިވެ އެވެ.
މިއަދުގެ ރިވިއު ސެޝަންގައި، ރާއްޖެއިން ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތާއި، މަދަނީ ޖަމާއަތްތަކާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޔޫޕީއާރުގެ ކުރިއަށްއޮތް ސައިކަލްގައި ރާއްޖެއިން ތަންފީޒުކުރުމަށް ހުށަހަޅާ ރެކޮމެންޑޭޝަންތައް އެކި ޤައުމުތަކުން ހުށަހަޅާނެ އެވެ.
މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރިވިއު ސެޝަންގައި ރާއްޖެ ތަމްސީލުކުރައްވާނީ، ބަންޑާރަނައިބު އަހްމަދު އުޝާމް، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތް ޝިހާމެވެ. މީގެ އިތުރުން، ޖެނީވާގައި ހުންނަ އދގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި، ބަންޑާރަނައިބުގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މައުލޫމާތުދީފައިވެ އެވެ.
