އދ.އަތޮޅުގެ ފަރަށް އުރިގެން ލިބުނު ގެއްލުމާ ގުޅިގެން ”އެމް.ވައި ބިގް ފިޝް“ ޔޮޓް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ މި ޖޫރިމަނާގެ ފައިސާ އޯގަސްޓް 4 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ އޭޖެންސީއަށް ދައްކައި ހަލާސްކުރަން ޖެހޭނެ ކަމަށެވެ.
ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓްގެ ލޯކަލް އޭޖެންޓްކަމުގެ ދަށުން ރާއްޖެއަށް އައިސްފައިވާ ޓެމްޕަލް މެރިންގެ މި ޔޮޓް އދ. އަތޮޅުގެ ފަރަށް އުރިފައިވަނީ އޭޕްރީލް 28 ވަނަ ދުވަހު އެވެ. އީޕީއޭއިން ބުނާ ގޮތުގައި، މި ޔޮޓް ވަނީ ޖެހިގެން އައި ދުވަހު ފަރުމަތިން ނަގާފައެވެ.
އީޕީއޭއިން ހާމަކުރި ގޮތުގައި، ފަރަށް ލިބުނު ގެއްލުން ވަޒަންކުރުމަށް ޖޫން 4 ވަނަ ދުވަހު އުޅަނދުގެ ވެރިފަރާތާއި އީޕީއޭ ގުޅިގެން ސަރވޭއެއް ކުރި އެވެ. މި ސަރވޭއިން ދައްކާ ގޮތުގައި ފަރުގެ 187 އަކަމީޓަރުގެ ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ޓެމްޕަލް މެރިން ކުންފުނި 4,889,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން، ފަރުތަކަށް އުޅަނދުތައް އުރިގެން ލިބޭ ގެއްލުމަށް 100 މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި ގެއްލުމުގެ ބަދަލު ނުދައްކާނަމަ ޝަރީޢަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ އިޚްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެ އެވެ.