ޖަލުތަކުގައި ތިބޭ ގައިދީން ކުރާ މަސައްކަތްތަކަށް ދެމުން އައި އެލަވަންސް 20 އަހަރު ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބޮޑުކޮށްފި އެވެ.
ކަރެކްޝަންގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 16 އިން ފެށިގެން ގައިދީންނާއި ބަންދުގައި ތިބޭ މީހުން ކުރާ މަސައްކަތްތަކަށް ދޭ އެލަވަންސް ވަނީ ބޮޑުކޮށްފަ އެވެ. މިގޮތުން މިހާރު ދުވާލަކަށް ދޭ އެންމެ ދަށް އަދަދަކީ 50 ރުފިޔާ އެވެ.
ފާއިތުވި އަހަރުތަކުގައި ގައިދީންނަށް މަސައްކަތު އެލަވަންސްގެ ގޮތުގައި ދެމުން އައީ ދުވާލަކަށް 30 ރުފިޔާ އެވެ. ނަމަވެސް އާ ބަދަލާއެކު އެލަވަންސް ދިނުމަށް ވަނީ އަށް ގްރޭޑެއް ކަނޑައަޅާފަ އެވެ.
އައު އުސޫލުގެ ދަށުން ގްރޭޑް 1 އަކީ އެންމެ ދަށް މިންގަނޑު ކަމުގައިވާއިރު، ކޮންމެ ގްރޭޑަކަށް 10 ރުފިޔާ އިތުރުވާ ގޮތަށް ހަމަޖައްސާފައިވެ އެވެ. އެހެންކަމުން އެންމެ މަތީ ގްރޭޑް ކަމުގައިވާ ގްރޭޑް 8 ގެ ކެޓަގަރީގައި މަސައްކަތްކުރާ ގައިދީންނަށް ދުވާލަކަށް 120 ރުފިޔާ ލިބޭނެ އެވެ.
ގައިދީންނަށް އެލަވަންސް ލިބޭ މަސައްކަތްތަކުގެ ތެރޭގައި ކުނިކެހުމާއި، ފޮޅާ ސާފުކުރުމާއި، ކަރަންޓު މަސައްކަތްތަކާއި އަދި ކޮންސްޓްރަކްޝަން މަސައްކަތްތައް ހިމެނެ އެވެ.
ޔުސްރީން ވިދާޅުވީ ޖަލުތަކުގައި މަސައްކަތް ކުރުމަށް ގައިދީން ނަގަނީ އެ ގައިދީންގެ މަސައްކަތު ހުނަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ކޮންމެ މަސައްކަތަކަށް ބޭނުންވާ ވަރު ކަނޑައަޅާނީ ކަރެކްޝަނުން ކަމަށާއި ބޭނުންވާ އަދަދަށް ވުރެ ގިނަ ގައިދީން ކުރިމަތި ލާފައިވާނަމަ ހުނަރަށް ބަލާ މީހުން ނަގާނެކަމަށް ޔުސްރީން ވިދާޅުވި އެވެ.