ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި އެވެ.
ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން، ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޤާނޫނުން ލާޒިމްކުރާ ފެސިލިޓީ ގާއިމުކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގަ އެވެ.
މި ފެސިލިޓީ ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ކުޑަކުދިންގެ އަދުލުގެ ޤާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކުރާ މަރުކަޒުތަކުގެ ތެރެއިން ޤާއިމްނުވެ އޮތް ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވިގެން ދިއުމަކީ ޤާނޫނު ތަންފީޒުކުރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޤައުމީ ޚިދުމަތުގައި ވަފާތެރިކަމާއި އިޙްލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އޮފިސަރުންނަށް އިލްތިމާސް ކުރެއްވި އެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ، ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީގައި ބައިތިއްބާ ކުޑަކުދިންނަށް އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިންގ އަދި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިންގ ދިނުމާއި ލައިފް ސްކިލްސް ކިޔަވާދޭނެ އެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
