އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖެއިން މަސް އެކްސްޕޯޓް ކޮށްގެން 74 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަހާ އަޅާ ބަލާއިރު 43 އިންސައްތައިގެ ކުރި އެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 6 މަހު މަސް އެކްސްޕޯޓްކޮށްގެން ލިބިފައިވަނީ 32 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ.
މަސް އެކްސްޕޯޓްކުރި މިންވަރަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 44,877.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރި 26,850.8 މެޓްރިކް ޓަނާ އަޅާބަލާއިރު 67 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރު މަސް އެކްސްޕޯޓުކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އޭޕްރީލް މަހު އެވެ. އެ މަހު މަސް އެކްސްޕޯޓް ކޮށްގެން 18.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
އެންމެ ގިނައިން ރާއްޖޭން ބޭރަށް އެކްސްޕޯޓްކޮށްފައިވަނީ ގަނޑު ކުރި މަހެވެ. ގަނޑު ކުރި މަސް އެކްސްޕޯޓްކޮށްގެން 6 މަސް ތެރޭގައި ލިބިފައިވަނީ 55.1 މިލިއަން ޑޮލަރެވެ. އަދި ދަޅުމަސް އެކްސްޕޯޓްކޮށްގެން 17 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.