ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލި ފުރުސަތ ހަމަވެފައިވަނީ މިއަދު މެންދުރު 12:00 އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުއްދަތުގައި މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅެކެވެ. އެއީ:
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
- ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
- ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޣަނީ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީއަތާއި ޤާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނުވަނީ މަދަނީކޯޓުގެ ޤާޟީކަން ކުރައްވާފަ އެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެއްވީ 2004 މާރޗް 14 ވަނަ ދުވަހު އެވެ. އަދި 21 ސެޕްޓެމްބަރު 2008 ން ފެށިގެން 26 އޭޕްރީލް 2011 އާއި ހަމައަށް، ހައިކޯޓްގެ އިސްފަނޑިޔާރުގެ މަގާމް ފުރުއްވާފައިވެ އެވެ. ޣަނީ ވަނީ 2018 ޖޫން 28 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށްވެސް އައްޔަނު ކުރައްވާފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޣަނީ ވަކިކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ޣަނީ އައްޔަނު ކުރައްވާފައިވަނީ މިދިޔަ އަހަރު އެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ޝުޖާއު އުސްމާން ކުރިން ވަނީ ވިލިގިލީ ކޯޓުގެ މެޖިސްޓްރޭޓްކަމާ، ގއ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަމާ، އދ. އަތޮޅާ، ގއ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާ، ކްރިމިނަލް ކޯޓުގެ ޤާޟީކަން އަދި ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީން ބުނީ މުއުތަސިމް ވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 09 އަހަރާއި 07 މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައި ކަމަށެވެ.
މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ.