ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން (އެފްޓީއޭ) ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، ޤައުމުގެ އިޤްތިޞާދަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދިވެހި އުފެއްދުންތަކަށް ޗައިނާގެ ބާޒާރަށް ވަނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކޮށްދޭނެ އެއްބަސްވުމެއް ކަމަށް ސަފީރު ފާހަގަކުރެއްވި އެވެ.
”މި އެއްބަސްވުމުގެ ފައިދާ ދުވަސްވާ ވަރަކަށް އިތުރަށް ފެންނަމުންދާނެ،“ ސަފީރު ވިދާޅުވިއެވެ.
ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް ޖެހިގެން އައި އެމްޑީޕީ ވެރިކަމުގައި އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައެއް ނުވެ އެވެ. ޗައިނާ މޯލްޑިވްސް އެފްޓީއޭއަށް އަމަލު ކުރަން ފަށާފައިވަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެވެ.
ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ޗައިނާ ސަފީރު ކޮންގ ޝިއަންހުއާ
