ފީފާ ކްލަބް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ރޭ ނުވަ ކުޅުންތެރިންނާއެކު މެޗު ނިންމާލި ޕީއެސްޖީން ބަޔާން މިޔުނިކްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ސެމީ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ ޑަޔޫޓް އުޕަމެކާނޯ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
މި މެޗުގައި ބަޔާންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވީ އަނިޔާގެ ސަބަބުން އެ ޖަމާލް މުސިއާލާ ބަދަލުކުރަން ޖެހުމެވެ. ޕީއެސްޖީގެ ޖިއަންލުއީޖީ ޑޮނަރުންމާގެ ފައިން ޖެހި، މުސިއާލާގެ ފައިގެ ކުޑަ ހުޅަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފައެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ޕީއެސްޖީއަށް ކުރިހޯދައިދިނީ ޑެޒެއާ ޑޫއޭ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕީއެސްޖީއަށް އިތުރު މައްސަލައަކަށްވީ އެ ޓީމުގެ ވިލިއަން ޕަޗޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. ޕަޗޯ އަށް ރަތް ކާޑު ދެއްކީ އޭނާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެނެވެ.
މެޗު ނިމެން ގާތް ވެފައިވަނިކޮށް ބަޔާންގެ ހެރީ ކޭން ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އޭގެފަހުން، މެޗުގެ އިތުރު ވަގުތުގައި ލޫކަސް ހެނާންޑޭޒް އަށް ރަތް ކާޑު ދެއްކުމާއެކު ޕީއެސްޖީން މެޗު ނިންމާލަން ޖެހުނީ ނުވަ ކުޅުންތެރިންނާއެކުއެވެ.
ޕީއެސްޖީން ވަނީ ދެ ކުޅުންތެރިން މަދުކޮށް ކުޅެ، އިތުރު ލަނޑެއް ޖަހައި ފެންވަރު ދައްކާލާފައެވެ. އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ އޮސްމާނޭ ޑެމްބެލޭ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ޕީއެސްޖީ ބައްދަލުކުރާނީ ރެއާލް މެޑްރިޑާ އެވެ.


